ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވުކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެކުންފުނިން ބުނިގޮތުގައި، މި މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ފަސްވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް މިހާރު ވަނީ ގެންގޮސް، މަސައްކަތްތައް ފެށުމަށް ތައްޔާރުވެފައެވެ.
މިއީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.






