ކ.ތިލަފުށިން ވިޔަފާރީގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ބިންތައް ގަވާއިދާ ހިލާފަށް ބޭނުން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީ އިން ބުނެފިއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ތިލަފުއްޓަކީ މާލެ ސަރަހައްދުގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނާއީ މަސައްކަތްކުރާ ވިޔަފާރި ހަބް ކަމަށްވާއިރު އެ ރަށުން ކުއްޔަށް ބިން ދޫކޮށްފައިވަނީ ވިޔަފާރިތައް ފުޅާކޮށް އާމްދަނީ ހޯދުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް ބައެއް ފަރާތްތަކުން އެ ތަންތަން ގަވާއިދާ ހިލާފަށް ބޭނުން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ވަނީ ގަވާއިދާ ހިލާފަށް ބިންތައް ބޭނުން ކުރާ ފަރާތްތަކަށް އެކަން ނުކުރުމަށަ ތަކުރާރުކޮށް އަންގާފައެވެ. އަދި އެކަން ތަކުރާރުވާނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ ތިލަފުށިން ބިން ދޫކޮށްފައިވަނީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމެއްގެ ތެރެއިންކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ އެއްބަސްވުމުގައިވާ ކަންކަމަށް ހުރުމަތްތެރިކޮށް ނުހިތާ ނަމަ އެެއްބަސްވުން ބާތިލުކުރާނެ ކަމަށެވެ.
"ނަމަވެސް ބައެއް ފަރާތްތަކުން މި ކޯޕަރޭޝަނުގެ އެންގުންތަކާ ހިލާފަށް އަމަލުކުރަމުންގެންދާތީ، އާންމު މަސްލަހަތު ގެއްލި އެއް ފަރާތުން ހިންގާ އަމަލެއްގެ ސަބަބުން އަނެއް ފަރާތުގެ މަސައްކަތައް ގެއްލުންވޭ،" އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.






