އައްޑޫ ސިޓީން އިތުރު 51 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އައްޑު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ މިއަދު ހަވީރު 6 ޖެހުމާ ހަމައަށް ފެނުނު 51 ކޭސްގެ ތެރެއިން 21 ކޭސް ފެނިފައިވަނީ ހިތަދޫ އިން ކަމަށެވެ. އަދި 14 ކޭސް ފޭދޫން ފެނިފައިވާއިރު 12 ކޭސް މީދޫން ދެ ކޭސް މަރަދޫ އިން އެއް ކޭސް މަރަދޫފޭދޫން އަދި އެއް ކޭސް ހުޅުދޫން ވެސް ފެނިފައިވެއެވެ.
މިއަދަކީ އެއް ދުވަސްތެރޭ އައްޑޫ އިން އެންމެ ގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑްގެ އެކްޓިވް ކޭސް މިހާރު އުޅެނީ ހިތަދޫގަ އެވެ. އެގޮތުން ހިތަދޫގައި ކޮވިޑްގެ 224 ކޭސް އުޅޭއިރު، މަރަދޫގައި 45 ކޭސް، ފޭދޫގައި 63 ކޭސް، މަރަދޫފޭދޫގައި 11 ކޭސް، މީދޫގައި 43 ކޭސް އަދި ހުޅުދޫގައި ފަސް ކޭސް އުޅޭ ކަމަށް އެ ސެންޓަރުން ހާމަކުރެއެވެ. އެއާއެކު އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 396 އަށް އަރާފައެވެ.
އައްޑޫ ކޮވިޑް ފެސިލިޓީގައި ދެ މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ އިން ވަނީ 11 މީހަކު ނިޔާވެފައެވެ.






