އައްޑޫގައި ފްލައިން ސްކޫލް ހިންގަން ދެ މިލިއަން ޑޮލަރު (30 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގައި އިއްޔެ އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފު ވިދާޅުވީ ފްލައިން ސްކޫލް ހިންގުމަށް އިންވެސްޓު ކުރާނީ އެމްއެންޔޫ އިން އެކަނި ކަމަށެވެ. އަދި މިއީ ރަނގަޅު އިންވެސްޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ސްކޫލުން ފައިދާވާނެ ކަމަށް ބެލެވެނީ ހުޅުވާތާ 3-4 އަހަރު ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ނިސްބަތުން ވަރަށް ބޮޑު އިންވެސްޓްމަންޓެއް މިއީ. ދެ މިލިއަން ޑޮލަރު ވިޔަސް ބޮޑު އެއްޗެއް ކަމަށް ޔުނިވާސިޓީން ބަލަނީ. އޭގެ ރިކަވަރީ ފުރަތަމަ ކޮޅުގައި އުނދަގޫވާނެ ދެއްތޯ. ފަހުން ރަނގަޅުވާނެ ކަމަށް ގަބޫލުކުރަނީ،" ޝަރީފު ވިދާޅުވިއެވެ.
އައްޑޫގައި ފްލައިން ސްކޫލެއް ހިންގުމަށް އެމްއެންޔޫ އިން ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަން އާއެކު ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް އެއްބަސްވެފައެވެ. އަދި ސްކޫލް ހިންގާނެ ޖާގަ ހޯދަން ގަން އިންޓަނޭޝަނަލް އެއާޕޯޓާއެކު ވެސް ވަނީ ތިން އަހަރުގެ އެއްބަސްވެފައެވެ. މި ސްކޫލް ހިންގާނީ ޗެކް ރިޕަބްލިކް ގެ ފްލައިން އެކެޑަމީންނެވެ.
ގަން އެއާޕޯޓުގައި ފާއިތުވި 10 އަހަރު ފްލައިން ސްކޫލު ހިންގީ ސްރީ ލަންކާގެ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިންނެވެ. ނަމަވެސް، ގިނަ މައްސަލަތަކާހުރެ އެ ތަން މިހާރު ވަނީ ހުއްޓިފައެވެ. އަދި ގިނަ ދަރިވަރުންގެ ކިޔެވުން ވެސް ވަނީ މެދުކެނޑިފައެވެ.
އެމްއެންޔޫއިން ފްލައިން ސްކޫލް ހުޅުވާއިރު އެންމެ ފުރަތަމަ ޖާގަ ދޭނީ އޭއޭއޭ ގައި ކިޔަވަމުން އައި ދަރިވަރުންނަށެވެ.






