އައްޑޫ ސިޓީ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލުކުރައްވައިފިއެވެ.
އިއްޔެ ހަވީރު އާރަށުގައި ކުރިޔަށްގެންދެވި މިބައްދަލުކުރެއްވުމުގައި، މި ބައްދަލުވުމުގައި ސިޓީ ކައުންސިލަރުންގެ ހުރި ކަންބޮޑުވުންތައް ރައީސް ވަނީ އޮޅުންފިލުއްވާފައެވެ. އަދި އައްޑޫ ސިޓީގެ ކައުންސިލަރުން ވަނީ އައްޑޫ ސިޓީގެ ކުރިއެރުމަށްޓަކައި މިހާރަށް އެންމެ މުހިއްމު ކަންތައްތަކާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ.
އެގޮތުން އެ ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކައުންސިލަށް ޤާނޫނީ ގޮތުން ބާރު ލިބިފައި ވިއަސް އެކަމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތްކުރަންޖެހިފައިވުމާ، މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި ދިމާވާ ގޮންޖެހުންތަކާއި، ބޯހިޔާވަހިކަމުގެ މައްސަލައާއި އެކި ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތަކުގެ އިތުރުން އައްޑޫ ސިޓީގައި ޓޫރިޒަމް ތަރައްޤީ ކުރުމަށް ހުރި ގޮންޖެހުންތަކާއި ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެންހުރި ކަންތައްތަކުގެ އިތުރުން އެ ސިޓީގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާކަންކަން ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައި ކެބިނެޓުގެ ބައެއް ވަޒީރުން ވަނީ ކައުންސިލަރުން ފާހަގަކުރެއްވި މަޝްރޫޢުތަކާބެހޭ މަޢުލޫމާތު އޮޅުންފިލުވައިދެއްވައި، މަޝްރޫޢުތައް ކުރިއަށް ގެންދެވުމުގައި ސަރުކާރުން ގެންގުޅުއްވާ ވިސްނުން ސާފުކޮށްދެއްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް އެދެވޭ ހައްލެއް ހޯއްދަވަން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.






