ފާއިތުވި ތިން އަހަރު، ރެކޯޑް އަދަދަކަށް ފެނާއި ނަރުދަމާގެ މަޝްރޫއު ހިންގާފައިވާ ކަމަށް މާލެ ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނިގޮތުގައި ފާއިތުވި ތިން އަހަރު 31 ރަށެއްގައި 1.8 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގާފައިވާ ކަަމަށެވެ.
އެ ކުންފުނިން ހިންގި ޕްރޮޖެކްޓުތަކުގެ ތެރޭގައި 23 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތާއި ހަ ރަށެއްގެ ފެނުގެ ނިޒާމު އަދި ދެ ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހިމެނެއެވެ. އެ ހުރިހާ މަޝްރޫއެއްގެ އަމަލީ މަސައްކަތް ކުރަމުންދާ އިރު، ބައެއް މަޝްރޫއުތަކުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
މި މަޝްރޫއުތަކުގެ ދަށުން 3000 އަށްވުރެ ގިނަ ގެއަށް ފެނާއި ނަރުދަމާގެ ގުޅުން ގުޅައި ދެވޭނެއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، އެ ކުންފުނިން ކުރިން މަސައްކަތް ފަށާފައިވާ އއ. ރަސްދޫ ފެނުގެ ނިޒާމާއި ޅ. ކުރެންދޫ ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި އެ ދެ މަޝްރޫއު ސަރުކާރާ ހަވާލުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މި މަޝްރޫއުތަކުގެ ސަބަބުން ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތްތަކުން ރަށްރަށަށް ފާގަތިކަން ލިބިގެންދާނެ ކަމަށާއި ރަށްރަށުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބި. ވެށީގެ ރައްކާތެރިކަމާއި އިޖުތިމާއީ އިގުތިސާދީ ކުރިއެރުމާއި އަދި ރަށް ރަށުގައި ވަޒީފާގެ އިތުރު ފުރުސަތުތަ ފަހިވެގެންދާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.






