ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން މެންބަރުންނާ ގާތުން މަސައްކަތްކޮށް، އެ ޕާޓީގެ މެންބަރުޝިޕް އިތުރުކުރުމަށް ފަށާފައިވާ "ރަށުދަތުރު"ގައި މިއަދު ފ. ނިލަންދޫއަށް ޒިޔާރަތްކޮށްފިއެވެ.
މިއަދު ނިލަންދޫއަށް ޖޭޕީން ކުރާ ދަތުރުގައި އިސްކޮށް ހުންނެވީ އެ ޕާޓީގެ ލީޑަރުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓާބެހޭ ވަޒީރު ޢާޢިޝަތު ނަހުލާއެވެ. އެ ޓީމު ނިލަންދޫއަށް ދިޔުމުން ސަޕޯޓަރުންނާއި، އެ ޕާޓީގެ މެންބަރުންގެ ފަރާތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
މި ޓީމުގައި ޖޭޕީގެ ނައިބު ރައީސް އަޙްމަދު ސައުދާއި، ސެކެރެޓަރީ ޖެނެރަލް ޢަލީ އާރިފާއި، ޗީފް ސްޕޯކް ޕާސަން ޢަލީ ސޯލިޙް ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.
“JP Rashudhathuru” Happening Now. F. Nilandhoo pic.twitter.com/Xtu1QiZidO
— JP Secretariat (@JPSecretariat) November 26, 2021
އިތުރަށް މި ޓީމުގައި ހިމެނެނީ ޖޭޕީގެ ކަނބަލުންނެވެ. މި ދަތުރުތަކަކީ ޖޭޕީގެ ކަނބަލުންގެ އިސްނެންގެވުމާއެކު ކުރާ ދަތުރު ތަކެކެވެ. މީގެ ކުރީން މިފަދަ ދަތުރެއް ކ. ދިއްފުއްޓަށް ވެސް ވަނީ ކޮށްފައެވެ. އެ ދަތުރަށް ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، މިއަދުގެ ދަތުރަށް ވެސް ބޮޑު ތަރުޙީބެއް ލިބެމުންދާކަމަށް އެ ޕާޓީން ބުނެއެވެ.

ފަހަކަށް އައިސް ޖޭޕީގެ ކަނބަލުން އިސްވެ ގެންދަވަނީ ގިނަ ސިޔާސީ ހަރަކާތްތަކެއް ހިންގަވަމުންނެވެ. މި ގޮތުން ވެރިރަށް މާލޭގައި ދޮރުން ދޮރަށް ހިނގުމާއި، ޕާޓީގެ މައިޖަހަގާގައި ވެސް ދަނީ އެކި އިވެންޓްތައް ބާއްވަމުންނެވެ.






