ކުރީގެ ރައީސް ޔާމީން، ކުއްލިއަކަށް "އިންޑިއާއައުޓް" ޖަހައިގެން މަސައްކަތް ކުރައްވަނީ އިންޑިއާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތަކުގެ ސަބަބުން ހިތައް ކެތްނުވެގެންކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިން ބުނެފިއެވެ.
އެމްޓީޑީއަކީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އިސްކޮށް ހުންނަވާ އުފެއްދެވި ޕާޓީއެކެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޔާމީނުގެ ވެރިކަމުގައި އެމަނިކުފާނުވެސް ވަނީ އިންޑިއާ އާއި ސިޔާސީ، އިގްތިސާދީ އަދި ދިފާއި އެތައް ގުޅުންތަކެއް ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދި އިސްވެ ހުންނަވާ އިންޑީއާއާއެކު އެއްބަސްވުންތައް ހައްދެވި ކަމަށާއި، ފުރަތަމަ ވަޑައިގަތް ގައުމަކީ ވެސް އެއީ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
ރައީސް ޔާމީނަށް އިންޑިއާ، ޔޫރަޕިއަން ޔޫނިއަން، އެމެރިކާ، ޔޫ.އެން އަދި ކޮމަންވެލްތުވެސް ގޯސްވީ ސިޔާސީ އެތައް ކުއްވެރިންނެއް ޖަލަށްލައިގެން އަނިޔާ ނުކުރުމަށާ، އިންސާފު ގާއިމުކޮށް އިންސާނީ ހައްގުތައް ހިމާޔަތް ކުރަން މިޑިމޮކްރެޓިކް ގައުމުތަކުންނާއި ޖަމާއަތްތަކުން ގޮވާލުމުންކަމަށާއި، ރައީސް ޔާމީނުގެ ވެރިކަމުގެ 5 އަހަރުވެސް ޔޫއެންގައި ދިވެހިރާއްޖެ ތަމްސީލު ކޮށްދެއްވާކަށް ރައީސް ޔާމީނަކަށް ކެރިވަޑައެއްނުގަތްކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
އަދި ކޮމަންވެލްތުން ސަސްޕެންޑް ކުރާނެ ކަން ޔަގީން ވުމުން އަވަހަށް އެޖަމާއަތުން ވަކިވިކަމަށާއި، އަދި އެތައް ގައުމަކާ ހާރިޖީ ގުޅުން ކަނޑާލެއްވިކަަމަށް އެ ޕާޓީން ބުނެފަވެއެވެ.
"ރައީސްޔާމީނުގެ ވެރިކަން ނިމުނު އިރު ދިވެހިރާއްޖެ އޮތީ މުޅި ދުނިޔެ އާއި އެކަހެރިވެ ޔޫރަޕިއަން ޔޫނިއަން އިން ފިޔަވަޅު އަޅާހިސާބުގައެވެ.މިއަދު ރައީސް ޔާމީނު އިދިކޮޅު ލީޑަރުގެ ހައިސިއްޔަތުން ރައްޔިތުންގެ އަޑުއުފުލާ ސަރުކާރު ޖަވާބުދާރީ ކުރުވާތަނެއް ނުފެނެއެވެ. މިފަހުންހިޔާ ފްލެޓްގެވެރިންނާއި އަދި އަރަބިއްޔާގެއަރަބިއްޔާގެ ބެލެނިވެރިން ވެސްޖެހުނީ އަމިއްލަޔަށް އަޑުއުފުލާ ހައްގުތަކަށް ވަކާލާތު ކުރާށެވެ. އަދި ރައީސް ސޯލިހު އެފަރާތްތަކުގެއަޑުއައްސަވާ އެކަންތައްތަކަށް ހައްލު ހޯއްދަވައި ދެއްވިއެވެ. ރައްޔިތުންނަކަށް މިއަދު އިދިކޮޅުޕާޓީ އެއް އަދި އިދިކޮޅު ލީޑަރެއްގެ ބޭނުމެއް ނުހިފެއެވެ." އެމްޓީޑީން ބުނެފަވެއެވެ.
އަދިމިދިޔަ ދެއަހަރު މުޅި ދުނިޔޭގައި ފެތުރެމުން މިދާ ކޯވިޑް-19 ކާރިސާ އާއި ބެހޭގޮތުން އެއްވެސް ހަމްދަރުދީގެ ބަސްފުޅެއްވެސް ރައީސް ޔާމީން ވިދާޅެއްނުވާކަމަށާއި، މިހާތަނަށް ކޮވިޑް-19ގެ ބަލިމަޑުކަމުގައި 261 ދިވެހި ރައްޔިތުން ނިޔާވެ، މުޅި ދުނިޔެއަށާއި ގައުމަށް ދިމާވެފައިވާ އިގްތިސާދީ ގޮތުން ދަތި އުދަގޫ ދުވަސްވަރު އެއްވެސް ޒިންމާދާރުކަމެއް ނެތި ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުދީ މިއަދު ރައީސް ޔާމީނު ކުއްލިއަކަށް "އިންޑިއާއައުޓް" ޖަހައިގެން މަސައްކަތް ކުރައްވަނީ އިންޑިއާއިން ރާއްޖެއަށް ދެމުން ގެންދާ އެހީތަކުގެ ސަބަބުން ހިތައް ކެތްނުވެގެން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
"ރައީސް ޔާމީނުގެ މަގްސަދަކީ އިންޑިއާއާއި މެދު ނަފްރަތު އުފައްދާ އަމިއްލަ ފުޅަށް ކުރެއްވި ހުރިހާ ކަމެއް މަތިޖަހާ، ކޮވިޑްގެ މި ދަތިހާލުގައި ރާއްޖެއަށް ބޭރުން ލިބޭ އެހީތަކާއި އަދި ވިޔަފާރިތަކާއި އިންވެސްޓްމެންޓްތައް ހުއްޓުވާލުމެވެ. ރައީސް ޔާމީނު ތަރައްގީގެ ނަމޫނާއަކަށް ސިންގައްޕޫރުގެވާހަކަ ދައްކަވާއިރު ސިންގައްޕޫރުގެ ހަރުދަނާ ފޮރިން ޕޮލިސީއެއް އެނގިއެއްނުލައްވައެވެ. ސިންގައްޕޫރު، ޔޫއޭއީ ފަދަ އެތައް ކުދި ގައުމެއް ތަރައްގީވެފައި ވަނީބެލެންސްޑް ފޮރިން ޕޮލިސީއަކާއި އަދި ވަރުގަދަ ޑިފެންސް ޕާރޓްނަރޝިޕްތަކަކާއި އެކީގައެވެ." އެމްޓީޑީން ބުނެފަވެއެވެ.
އެމްޓީޑީން ބުނީ މިއަދު ރައީސް ޔާމީން "އިންޑިއާ އައުޓް" ޖަހައިގެން ޓީޝާޓް ތުރުކުރައްވައިގެން އިންޑިއާގެ 1 ބިލިއަނަށް ވުރެ ގިނަ ރައްޔިތުންނާ ދެކޮޅަށް ނަފުރަތު އުފައްދަން ހިންގަވަނީ ވަރަށް ހަރުކަށި އަދި ނާތަހުޒީބު ހަރަކާތެއްކަމަށެވެ. އަދި މިއަދު ރައްޔިތުންނަށް ކޯވިޑްގެ ސަބަބުން ދިމާވެފައިވާ ދަތިތަކުގެނާޖާއިޒު ފައިދާ ނައްގަވައިގެން ނަފުރަތާ ޖަޒުބާތުގައި ރައްޔިތުން ޖެއްސުމަކީ ދިވެހިރާއްޖެ ދެކެލޯބިވާ އެއްވެސް ލީޑަރެއް ކުރާނެ ކަމެއް ނޫންކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
"މިއަދު ރައީސްޔާމީނަށް އެއްވެސް އުންމީދެއް ރައްޔިތުންނަކަށް ނުދެވެއެވެ. ބަދަލުގައި އެމަނިކުފާނު ގެންގުޅުއްވަނީ ހުރިހާ ކަމަކަށް އެންމެ އެޖެންޑާއެކެވެ. އެމަނިކުފާނުގެވައުދަކީވެސް އަދި މެނިފެސްޓޯ އަކީވެސް ބަދަލުހިފުމުގެ ރޫހާއި ނަފުރަތުން ފުރިގެންވާ "އިންޑިއާ އައުޓް" އެޖެންޑާއެވެ." އެމްޓީޑީން ބުނެފަވެއެވެ.
ދިވެހިރާއްޖެއަށް މިކަމުން އެތައް ގެއްލުމެއް ލިބި އިންވެސްޓަރުންގެ ކޮންފިޑެންސް ގެއްލި މިގައުމު މުޅިދުނިޔެއާއި އެކަހެރިކޮށް ބާއްވަން
ބޭނުންވާ ލީޑަރެއް މިއަދު ހަރުދާނާ އެއްވެސް ދިވެހިރައްޔިތެއް ބޭނުމެއް ނުވާނެކަމަށާއި، ރައީސް ޔާމީން ހިންގަވާ "އިންޑިއާ އައުޓް" ކެމްޕޭންކުއްވެރިކުރާކަމަށާއި، މިކަމާ ފުންކޮށް ވިސްނައި އެކަމުން ދުރުހެލިވުމަށް ގޮވާލާކަމަށް އެމްޓީޑީގެ ބަޔާނުގައި ބުނެފަވެއެވެ.






