އުދަ އަރައި ބޮޑެތި ގެއްލުން ތަކެއް ލިބުނު ގދ މަޑަވެލީގެ ޙާލަތު ރައީސުލްޖުމްހޫރިއްޔާ ބައްލަވާ ލައްވައިފިއެވެ.
ރާއްޖޭގެ ބައެއް ރަށްރަށަށް މިއަދު އުދައަރައި އެންމެ ބޮޑަށް ގެއްލުން ލިބުނު ގދ. މަޑަވެލީ ކައުންސިލަށް ގުޅުއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެރަށު ރައްޔިތުންގެ ހާލަތު އޮޅުން ފިލުއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ މަޑަވެލީ ކައުންސިލްގެ ރައީސަށް ފޯނުން ގުޅުއްވުމުން މަޑަވެލީގެ ކައުންސިލްގެ ރައީސް ވަނީ އުދައެރުމުގެ މި ހާދިސާގައި އެރަށަށް ލިބުނު ގެއްލުންތަކާއި އަދި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އާއި ހިއްސާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަޑަވެލީގެ ގިނަ ގެތަކަކަށް ގެއްލުންތައް ލިބިފައިވާތީ އެކަމުގައި ސަރުކާރުން މަޑަވެލީގެ ރައްޔިތުންނަށް ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި ވެއެވެ.
މިއަދު ހިނގި ނުރައްކާތެރި ހާދިސާއެއް ގައި އދ. ފެންފުށިން ޒުވާނަކު ނިޔާވުމުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އެރަށު ކައުންސިލަށްވެސް ގުޅުއްވައި ތަޢުޒިޔާ ވިދާޅުވެފައެވެ.






