ކުޑަކުދިންނަށް ލިބޭ އަނިޔާތަކުން ރައްކާތެރިކުރުމަށް މައުލޫމާތު ދިނުމަށް ސެޝަނެއް ގއ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް ބާއްވައިފި އެވެ.
މިއީ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ފެމެލީ އެންޑް ޖެންޑަރ އެފެއާޒް ޑިޕާޓްމަންޓު ގުޅިގެން ކުރިއަށް ގެންދިޔަ ސެޝަނެކެވެ.
މި ސެޝަނުގައި ހަނގާކުރުމަކީ ކޮބައިކަމާއި އެކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާއި އެފަދަ އަމަލުތަކުން ދުރުވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް މައުލޫމާތުދީފައި ވެއެވެ.
މީގެ އިތުރުން ސްކޫލާއި، ސްކޫލުން ބޭރުގައި ވެސް އެއްކުއްޖަކު އަނެއް ކުއްޖަކަށް އިހުތިރާމް ކުރުމަށާއި އެކުވެރިކަން ދެމެހެއްޓުމަށް މައުލޫމާތުދީފައި ވެއެވެ. އަދި ކޮންމެ ކުއްޖަކީވެސް ތަފާތު ކުއްޖެއްކަމަށާއި، އެއްވެސް ކުއްޖަކު ބާކީނުކުރުމަށާއި އެ ކަންކަން ހުރިހާ ކުދިން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވި އެވެ.
މީގެ އިތުރުން، ކުޑަކުދިންނަށް ތަފާތު އެކިކަހަލަ އަނިޔާތަކަކީ ކޮބައިކަމާއި އެފަދަ ކަމެއް ދިމާވެދާނެ ގޮތްތަކާ ގުޅޭގޮތުންނާއި އެހެން މީހެއްގެ ފަރާތުން އެފަދަ ކަމެއް އެއްވެސް ކުއްޖަކަށް ކުރިމަތިވެއްޖެނަމަ އެކަމެއް ސިއްރުނުކޮށް ބެލެނިވެރިންނާ ހިއްސާކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވި އެވެ. އަދި އެކަންކަމަކީ ސިއްރުކުރަންޖެހޭ ކަންކަން ނޫންކަމާއި ކޮންމެ ކުއްޖަކީވެސް ކަންކަމާ ކެރިގެން ކުރިމަތިލާ ކުއްޖަކަށްވުމަށް ހިތްވަރުދީ ނަސޭހަތްތެރިވި އެވެ.
އެ ސެޝަނުގައި، އެ ސްކޫލުގެ ގްރޭޑް 7 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ހުރިހާ ދަރިވަރުން ބައިވެރިވި އެވެ.






