Close

ނިމިދިޔަ ސަރުކާރުތަކުން މަސައްކަތް ކޮށްފައިވަނީ މަރުކަޒީކޮށް މާލެ ސަރަހައްދު އެކަނި ތަރައްޤީ ކުރުމަށް: މެމްބަރު ޔައުގޫބް

ނިމިދިޔަ ސަރުކާރުތަކުން މަސައްކަތް ކޮށްފައިވަނީ މަރުކަޒީކޮށް މާލެ ސަރަހައްދު އެކަނި ތަރައްޤީ ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔަޢުޤޫބް ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބުތައް އަހަރަކު އެއްފަރު ބާއްވާ ގޮތަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި ވާހަކަދައްކަވަމުން ނެވެ.

މެމްބަރު ޔައުގޫބު ވިދާޅުވީ މި ސަރުކާރުން ޤާނޫނަށް އިސްލާހުތައް ގެންނަނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތީން ކަމަށެވެ. އަދި ރައްޔިތުންނަށާއި، ދައުލަތަށް ވެސް އެކަމުން އެންމެ ޚަރަދުކުޑަވާނެ ގޮތަކަށް ކަމަށެވެ.

ސަރުކާރުގެ ފަރާތުން ހުށަހެޅި ޤާނޫނުތަކުގެ ތެރެއިން އެންމެބޮޑު މަންފާއެއްކުރި އެއް ޤާނޫނަކީ ލާމަރުކަޒީ ޤާނޫން ކަމަށާއި ޤާނޫނުގެ ތެރެއިން ރަށްރަށުގެ ތަރައްޤީގައި ސީދާ ބަސްބުނުމުގެ ބާރު ކައުންސިލްތަކަށް ވަނީ ލިބިގެން ގޮސްފައިކަން ޔައުގޫބު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މީގެ އިތުރުން ޤާނޫނުގެ ތެރެއިން އަތޮޅުތަކުގެ ރަށްތަކަށް ސަރުކާރުން ގެނެސްދޭ ތަރައްޤީއާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކަށް ވެސް އޭނާ ވަނީ ވަރުގަދަ ރައްދެއް ދެއްވާފަ އެވެ.

އެގޮތުން އޭނާ ވިދާޅުވީ އެއްވެސް ތަފާތުކުރުމެއްނެތި ހަމަހަމަކަމާއެކު ރަށްތަކަށް ގެނެސްދޭ ތަރައްޤީ ދެން ނުހުއްޓުވޭނެ ކަމަށެވެ.

"ބޮޑު ތިލަދުންމަތިން ފެށިގެން ށ. އަތޮޅާ ހަމައަށް ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކުން ގުޅާލައި، މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމްކޮށް، އަޑުގަދަ އިންޖީނުގެތައް ޒަމާނާއި އެއްގޮތަށް މީހުންނާއި ދުރު ސަރަހައްދުތަކަށް ބަދަލުކޮށް ވަށާޖެހޭ ގޮތަށް މުޅި ރާއްޖެއަށް ގެނެސްދޭ ތަރައްޤީ ދެން ނުހުއްޓުވޭނެ." ޔައުގޫބް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ވާދަވެރިން ކިތަންމެ ވަރަކަށް ދެކޮޅު ހެއްދެވި ކަމުގައި ވިޔަސް ރާއްޖޭގެ ހުރިހާ ރަށެއް އެއްވެސް ވަރަކަށް ތަފާތު ކުރުމެއްނެތި ހުރިހާ ރަށެއް މި ފަސް އަހަރުގެ ތެރޭގައި އަދި ކުރިއަށް އޮތް ތަނުގައި ވެސް ތަރައްޤީ ކުރަން މިސަރުކާރުން، އެމްޑީޕީ ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރެއިން ރަށުތަރައްޤީގައި އަންހެނުންނަށް ބަސްބުނުމުގެ ބާރުވެރިކަން އިތުރު ކުރުމަށް އަންހެނުންގެ ކޮމެޓީތަކެއް އިންތިޚާބުކުރެވޭނެ ޖާގަވަނީ ތަނަސްކޮށްފަ އެވެ.

ނަމަވެސް ގާތް ގާތުގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކާއި، ލޯކަލް ކައުންސިލް އިންތިޚާބުތައް ބާއްވަންޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަކަށްވާއިރު، ޤާނޫނަށް ގެނެވޭ މި އިސްލާހުތަކާއެކު އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދު ވަރަށްބޮޑަށް ކުޑަވެގެންދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top