Close

ރައްޔިތުން އަބަދުވެސް ބޭނުންވާނީ ރަނގަޅު ބަދަލެއް- އެކަމަށް މަސައްކަތްކުރަން ޖެހޭ: ރައީސް ސާލިހު

ރައްޔިތުން އަބަދު ވެސް ބޭނުންވާނީ ރަނގަޅު ބަދަލެއް ގެނައުމަށް ކަމަށާއި، އެކަމަށް މަސައްކަތްކުރަން ޖެހޭ އިރު، އެ ކުރާ މަސައްކަތަކީ ގަދަބާރާއި، ތަޅާފޮޅުމާއި، އަނިޔާވެރިކަމާ ދުރުވެތިބެ ކުރާ މަސައްކަތަކަށް ހެދުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަޤްވާމީ އަހިންސަ (ނަން-ވަޔަލެންސް) ދުވާހާއި ގުޅިގެން ދެއްވި މެސެޖުގަ އެވެ.

އެ މެސެޖުގައި ރައީސް ސާލިހު ވިދާޅުވީ ގެނެވޭ ބަދަލެއްގެ ފޮނިމީރުކަން ގުޅިފައި އޮންނަނީ އެގެނެވޭ ބަދަލަކުން ރައްޔިތުންގެ ތެރޭގައި އޮންނަ ޞުލްޙަ މަސަލަސްކަމާއި، އަމާންކަމެއްގެ މައްޗަށް ކަމަށެވެ. އަދި ގަދަބާރާއި ތަޅާފޮޅުމާއި އަނިޔާވެރިކަމުގެ ތެރެއިން ގެނެވޭ ބަދަލަކީ އޭގެ ފަހަތުގައި ޞުލްޙައާއި އަމަން އަމާންކަން ދެމި އޮންނަ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މި މެސެޖު ގައި އެމަނިކުފާނު ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ އަހިންސަ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ގަދަބާރާއި، އަނިޔާވެރިކަމާ ދުރުވެ ތިބެ، އިޖްތިމާޢީ ގޮތުންނާއި ސިޔާސީ ގޮތުން ގެންނަން ޖެހޭ ބަދަލުތަކަށް މަސައްކަތްކުރުމެވެ.

ބައިނަލްއަޤްވާމީ އަހިންސަ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ދުވަހާގުޅޭ ބެޖެއް ހަދިޔާކުރައްވާފަ އެވެ.

ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ އަހިންސަ ދުވަހުގެ ގޮތުގަ އެވެ.

މި ދުވަހަކީ ޞުލްޙަވެރިކަމުގެ ސަޤާފަތެއް ދުނިޔޭގައި ފެތުރުމުގެ ބޭނުމުގައި އ.ދ. އިން 2007 ވަނަ އަހަރުން ފެށިގެން ފާހަގަކުރަމުން އަންނަ ދުވަހެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top