Close

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަޙްރައިންގެ ޤައުމީ ދާރުލްއާޘާރަށާއި ބައިތު-އަލް ޤުރްއާން ފެސިލިޓީއަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބަޙްރައިންގެ ޤައުމީ ދާރުލްއާޘާރާއި، ބަޙްރައިންގެ ބައިތް-އަލް ޤުރްއާން ފެސިލިޓީއަށް ޒިޔާރަތްކުރައްވައި އެދެތަން ބައްލަވާލައްވައިފި އެވެ.

ބަޙްރައިންގެ ޤައުމީ ދާރުލްއާޘާރު ރަސްމީކޮށް ހުޅުވައިދެއްވީ 15 ޑިސެމްބަރ 1988 ގައި، އަމީރު ޙުސްނުޢީ ބިން ސަލްމާން އަލްޚަލީފާ އެވެ. މި ދާރުލްއާޘާރު ހަދާފައި ހުންނަނީ ދެ ޢިމާރާތް ގުޅުވައިގެން ނެވެ. އަދި މިތަނުގައި ދާއިމީ އެގްޒިބިޝަން އޭރިއާއާއި، ވަގުތީ އެގްޒިބިޝަން ހޯލްތަކާއި، އާރޓް ގެލަރީއަކާއި، ލެކްޗަރ ހޯލެއް ހިމެނެ އެވެ.

މި ދާރުލްއާޘާރުގައި ބަޙްރައިންގެ ތާރީޚުގެ 6000 އަހަރު ވީ ތަކެތި ރައްކާކޮށްފައި ވެއެވެ.

ބައިތް-އަލް ޤުރުއާން ފެސިލިޓީއަކީ 1990 ވަނަ އަހަރު އުފެއްދި މަލްޓި ޕާޕަސް ޢިމާރާތެކެވެ. މި ތަން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އިސްލާމީ ދާރުލްއާޘާރަކަށް ވުމުގެ ސަބަބުން ނެވެ. އަދި މިތަނަކީ ދުނިޔޭގެ އެންމެ މަޝްހޫރު އިސްލާމީ ދާރުލްއާޘާރުތަކުގެ ތެރޭގައި ހިމެނޭ އެއްތަނެވެ.

މިތަން ޢިމާރާތްކުރެއްވީ ޤުރުއާނާއި އެނޫން ވެސް ވަރަށް މަދުން ނޫނީ ނުފެންނަ އިސްލާމީ މުޞްޙަފްތަކުގެ ވަށާޖެހޭ އަދި އަގުހުރި ކަލެކްޝަނެއް ރައްކާތެރިކޮށް ބެހެއްޓުމަށްޓަކަ އެވެ. މި އިންސްޓިޓިއުޝަންގެ ދާރުލްއާޘާރުގައި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ތާރީޚީ ޤުރްއާނުގެ ފަތްފުއްތައް ފެންނަން ހުރެއެވެ.

އޭގެ ތެރޭގައި އިރުމައްޗާއި، ޗައިނާއާއި، ހުޅަނގުގައި އޮތް ސްޕެއިންގެ ފަތްފުއްތައް ހިމެނެ އެވެ. އެއީ ފުރަތަމަ ހިޖުރައިން 622-722 ވަނަ އަހަރު އަދި އިސްލާމީ ރަންޒަމާނުން ފެށިގެން މިއަދާ ހަމައަށް ކެލިގްރަފިކް އާދަކާދަތައް ކުރިއަރަމުން އައި ގޮތް ދައްކުވައިދޭ ބިނާ ތަކެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ބަޙްރައިންއަށް ކުރައްވަމުންދާ ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top