Close

ރ. އަތޮޅުގެ ދަތުރުފުޅަށްފަހު ނައިބު ރައީސް މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަަށްފަހު މިއަދު މެންދުރުފަހު މާލެވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރ. އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި މީހުންދިރިއުޅޭ ރަށްތަކުގެ ތެރެއިން ވަޑައިގެންނެވީ އެއަތޮޅު، އިނގުރައިދޫ، އިންނަމާދޫ، މާކުރަތު، އަދި ދުވާފަރަށެވެ. މިރަށްރަށަށް ވަޑައިގެން އެރަށްރަށުގެ ކައުންސިލްތަކާއި، އ.ތ.މ ކޮމިޓީތަކާއި ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރައްވައި މަޝްވަރާކުރެއްވިއެވެ. އަދި މިރަށްރަށުގެ ސިއްޙީމަރުކަޒުތަކަށާއި، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ހާލަތު ބައްލަަވައި މަޝްރޫޢުތައް ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ.

މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ވަނީ، ރ ވަންދޫ، ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ފެސިލިޓީއަށް ވެސް ޒިޔާރަތް ކުރައްވާފައެވެ. މިޒިޔާރަތުގައި ވެމްކޯއިން އެރަށުގައި ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހޯއްދަވައި، މަސައްކަތްތައް ކުރިޔަށްދާ ގޮތް އެމަނިކުފާނު ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރ.އަތޮޅަށް ކުރެއްވި މިދަތުރުފުޅުގައި ހޮނިހިރު ދުވަހުގެ ރޭ ދުވާފަރަށް ވަޑައިގެން "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އެވޯޑު ދިނުމުގެ ޙަފްލާ ޝަރަފްވެރިކޮށްދެއްވިއެވެ. މިޙަފްލާގައި، "ރ. ޓުއަރިޒަމް އެކްސްޕޯ 2022" ގެ އަތްތެރި މަސައްކަތުގެ މައުރަޒުން ރަންވަނަ ހާޞިލުކުރި ފަރާތްތަކަށާއި، އަތޮޅު ރިސޯޓް އެވޯޑް ޙާސިލުކުރި ދެ ރިސޯޓަށް އެވޯޑް ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ، މި ޙަފްލާގައި، ރ. އަތޮޅު ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޚާއްޞަ ހަނދާނީ ފިލައެއް އަރުވާފައެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top