ރާއްޖޭގެ މިނިވަންކަން ދެމެހިއްޓިފައިވަނީ ދޭދޭ ގައުމުތަކާމެދު އޮންނަ ގުޅުންތައް ވިސްނުންތެރިކަމާއެކު ގެންގުޅުމުގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އިންޑިއާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި ކުރިއަށްދާ ކެމްޕެއިންގައި އިންޑިއާ އާއި ސަރުކާރު ދިފާއު ކުރެއްވުމުގެ ގޮތުންނެވެ.
"ދިވެހި އިންޑިއާގެ ގުޅުމަކީ ޒަމާންވީ ގުޅުމެއް، ރާއްޖޭގެ މިނިވަންކަން ދެމެހިއްޓިފައިމިވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދޭނީ ވެސް އެ ގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅެގެން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ވަޒީރުން އެކަން ކުރައްވާނެކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މި ސަރުކާރު އައި ފަހުން އިންޑިއާއިން ވަނީ ރާއްޖެއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިކޮށްފައެވެ. އެއީ ކުރީ ސަރުކާރުން ޗައިނާއާއެކު ގާތްކުރި ގުޅުމާއެކު އިންޑިއާގެ ގުޅުމަށް ބުރޫއަރާފައި އޮތްވައެވެ. ޗައިނާއިން ރާއްޖެއަށް އެހީވެ އަތްގަދަ ކުރުމަކީ އިންޑިއާއަށް ނުރައްކަލެއް ކަމަށް އެ ގައުމުން ގަބޫލުކުރެއެވެ.
އިންޑިއާއިން މިހާރު އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީވެ ލޯނުތައް ދެމުންނެވެ. މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު، މާލެ، ތިލަފުށި ގުޅާލައި ބްރިޖް ވެސް ކުރިއަށް ގެންދަނީ އިންޑިއާގެ އެހީތެރިކަމާއެކުއެވެ. އޭގެއިތުރުން ވެސް ކާގޯ ފެރީގެ މަޝްރޫއު އާއި ރަށްރަށުގައި ކުރިއަށް ގެންދާ އުމްރާނީ މަޝްރޫއުތައް ފާހަގަކޮށްލެވެއެވެ.
ނަމަވެސް އިންޑިއާއާއެކު ވަމުންދާ ގިނަ އެކިއެކި އެއްބަސްވުންތަކާ ގުޅިގެން އިދިކޮޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ އެއްބަސްވުންތަކުގެ ފަހަތުގައި ކަންތައްތަކެއް ފޮރުވައި އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގައި ގާއިމްވެ ތިބުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފައިވެއެވެ. އެގޮތުން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް އިންޑިއާއިން އެއްބަސްވެފައިވަނީ އެ ތަނުގައި އިންޑިއާ ސިފައިން ގާއިމްވާ ގޮތަށް ކަމާއި އެ ރަށުން އިންޑިއާއިން ގެތައް ކުއްޔަށް ހިފާނެ ކަމަށް ތުހުމަތު ކުރެއެވެ.
އިދިކޮޅުގެ މި ތުހުމަތުތަކާ ގުޅިގެން ޓްވިޓާގައި ކެމްޕެއިނެއް ވަނީ ފަށާފައެވެ. "އިންޑިއާ އައުޓް"ގެ ނަމުގައި ފަށާފައިވާ ކެމްޕެއިންގައި އެ ހޭޝްޓެގް ޓެރެންޑިންގައި އިންނަތާ މިހާރު ވަނީ ތިން ދުވަސްވެފައެވެ. އެކަމާ ގުޅިގެން އިންޑިއާ ސަފީރު ކަންބޮޑުވުން ފާޅު ކުރެއްވި ކަމަށް ވެސް އަޑުތައް ފެތުރުނެވެ. އެފަދަ ގޮތަކަށް އިންޑިއާއާ ދެކޮޅަށް ތެދުވުމަކީ އެ ގައުމުން ކަންބޮޑުވާ ކަމެއް ކަމަށް ސަރުކާރަށް ވަނީ އަންގާފައެވެ.
އެކަމާ ގުޅިގެން ސަރުކާރުގެ މިނިސްޓަރުން ވަނީ އިންޑިއާގެ ދިފާއުގައި ޓްވިޓާގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމުގައި ގާތް ބައިވެރިއެއް ކަމަށެވެ. މީގެކުރިން ވެސް ގިނަ އެހީތަކެއްވެފައިވާކަން ފާހަގަ ކުރައްވަމުން މި ބަލިމަޑުކަމުގައި އިންޑިއާއިން ވަމުންދާ އެހީތެރިކަމަށް މާރިޔާ ޝުކުރު އަދާކުރެއްވިއެވެ. ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް އިންޑިއާގެ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ.






