ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ފުވައްމުލައް ސިޓީގައި މިއަދު ބޭއްވި އިސްރަށްވެހިންގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައިފި އެވެ.
މި ޙަފްލާއަކީ އ.ދ. ގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ފުވައްމުލައް ސިޓީގެ އިސްރަށްވެހިންގެ ޝަރަފުގައި ބޭއްވި ޙަފްލާއެކެވެ.
ފުވައްމުލަކު ބަހުން ކުރިއަށްގެންދިޔަ މި ޙަފްލާ އޮތީ މިއަދު ހެނދުނު ފުވައްމުލައް ސިޓީ ޙާފިޒް އަޙްމަދު ސްކޫލް ހޯލުގަ އެވެ.
އިސްރަށްވެހިންގެ ޙަފްލާގެ ތެރެއިން އެންމެހާ މެހުމާނުންނަށް ހެނދުނުގެ ނާސްތާ އަދި މަޢުލޫމާތު ދިނުމުގެ ފޯރަމެއްވެސް ކުރިއަށްގެންދަވާފައި ވެއެވެ. މި ފޯރަމްގައި ޢުމުރުން ދުވަސްވީ މީހުންނަށް ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށްޓަކައި ބޭނުންވާ ކާނާ، ނަފްސާނީ ސިއްޙަތު، މަކަރާއި ހީލަތުން ރައްކާތެރިވެތިބުން އަދި މާލީ ތަނަވަސްކަމުގެ މައްޗަށް އަލިއަޅުވާލާފައި ވެއެވެ.
މިއަދު ބޭއްވި އިސްރަށްވެހިންގެ ޙަފްލާގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހަރ އެކްސެލެންސީ ތަކެއުޗި މިދޮރި ބައިވެރިވެވަޑައިގެންނެވި އެވެ.
އ.ދ. ގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ޤައުމީ ފެންވަރުގައި ފުވައްމުލައް ސިޓީގައި ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ ގްރައުންޑް ގޮލްފް މުބާރާތުގެ ފައިނަލް މެޗާއި ވަނަވަނައަށްދާ ފަރާތްތަކަށް އިނާމު ދިނުމަށް ބާއްވާ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފުވައްމުލައް ސިޓީއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލައްވާ، ހޮނިހިރު ދުވަހު މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
އ.ދ. ގެ ބައިނަލްއަޤްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ރެޒިލިއެންސް އޮފް އޯލްޑަރ ޕަރސަންސް އިން އަ ޗޭންޖިންގ ވަރލްޑް" އެވެ.






