Close

ސްކައުޓް ހަރަކާތުގެ ސަބަބުން ވަކިވަކި ފަރުދުންނަށް ވެސް ގިނަގުނަ ފައިދާތަކެއް ކުރޭ: ނައިބު ރައީސް

ސްކައުޓު ހަރަކާތުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ސްކައުޓް ހަރަކާތުގެ ތެރެއިން ދަސްވާ ދިރިއުޅުމުގެ ހުނަރުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ޖަމްބަރީ އޮން ދަ އެއަރ- ޖަމްބަރީ އޮން ދަ އިންޓަރނެޓް (ޖޮޓާޖޮޓީ) 2022، ރާއްޖޭގައި ރަސްމީ ގޮތުން ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްކައުޓް ހަރަކާތަކީ މިއަދާ ހަމައަށް ފަނޑުވުމެއް ނެތި ކުރިއަރަމުން އަންނަ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ އެއް ހަރަކާތްކަމާއި، އެ ހަރަކާތް އެގޮތުގައި ކުރިއަރައިދަނީ ޤައުމުތަކާއި، މުޖުތަމަޢަށް އަދި ވަކިވަކި ފަރުދުންނަށް ވެސް މި ހަރަކާތުގެ ސަބަބުން ގިނަ ގުނަ ފައިދާތަކެއް ލިބިގެންދާތީކަން ފާހަގަކުރައްވާފަ އެވެ.

އެގޮތުން މި ފެށުނު ޖަމްބަރީއާ އެކުވެސް ރާއްޖޭގެ އެކި ރަށްރަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންގެ މެދުގައި ރަޙްމަތްތެރިކަމުގެ ގުޅުން އުފެދިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ހަމަ އެހެންމެ ކުދިންނަށް ޒިންމާދާރުވާން ދަސްވުމާއި، ދިރިއުޅުމުގެ ހުނަރުތައް ދަސްވުން ފަދަ އެތައް ފައިދާތަކެއް ސްކައުޓް ހަރަކާތުން ލިބިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ދިރިއުޅުމުގައި ޚަރަދު ކުޑަކުރުމާއި، ރަނގަޅުގޮތުގައި ކުނިމެނޭޖްކުރުމާއި، ވެށި ސާފުކޮށް ބެލެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލެއްވި އެވެ.

ޖޮޓާޖޮޓީ 2022 ރާއްޖޭގައި ރަސްމީގޮތުން ހުޅުވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމެޗަރ ރޭޑިއޯ މެދުވެރިކޮށް ސްރީލަންކާގައި ތިބި ސްކައުޓުންނަށް މެސެޖެއް ފޮނުއްވާފަ އެވެ.

ޖޯޓާޖޯޓީ ހަރަކާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ޢުމުރުފުރާތަކުގެ ސްކައުޓުން އިންޓަރނެޓް އަދި ރޭޑިއޯ މެދުވެރިކޮށް ގުޅުވާލައިދޭ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

ކޮންމެ އޮކްޓޫބަރު މަހެއްގައި ބާއްވާ މި ހަރަކާތް މިއަހަރު ބާއްވަނީ މި އޮކްޓޫބަރު މަހުގެ 14 އިން 16 އަށެވެ. މި ހަރަކާތުގައި 172 އަށްވުރެ ގިނަ ޤައުމުތަކުން ދެ މިލިޔަނަށްވުރެ ގިނަ ސްކައުޓުން ބައިވެރިވެ އެވެ.

ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން މިހަރަކާތް ރާއްޖޭގައި ފެށިފައިވާއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްކައުޓުންނަށް ވެސް ވަރޗުއަލްކޮށް މި ހަރަކާތުގައި ބައިވެރިވެވޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top