ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ވިދާޅުވީ މިތަކެތި އަތުލައިގެންފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
މިގޮތުން ނެދަލެންޑުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ޕެކެޓެއް ފެނިފައިވާ ކަމަށާއި އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ތަޙުލީލުކުރިއިރު، މިޕެކެޓުގައި ހުރި ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ވިދާޅުވި އެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު 1008.87 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 2,522,175.00 (ދެ މިލިއަން ފަސްލައްކަ ބާވީސް ހާސް އެއްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާއަށް އަރާ ކަމަށް ވެސް ވިދާޅުވި އެވެ.
ކަސްޓަމްސް އިން ވިދާޅުވީ މި މައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ތަހްގީގުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިވާ ކަމަށެވެ.
މިއީ މިއަހަރު ތެރޭގައި މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ތިންވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރްސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި، މާރިޗު 1 ވަނަ ދުވަހު 585 ގްރާމްގެ މެފެޑްރޯން ވަނީ އަތުލައިގަނެފަ އެވެ. ދެވަނަ ފަަހަރު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރްސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި، ޖޫން 29 ވަނަ ދުވަހު 526 ގްރާމްގެ މެފެޑްރޯން ވަނީ އަތުލައިގަނެފަ އެވެ.






