ލ. ފޮނަދޫ އާއި މ. މުލީގައި ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށް ލައިކޯ ކޮންސްޓްރަކްޝަން އާއި ހަވާލުކޮށްފި އެވެ.
އެންވަޔަރްމެންޓް މިނިސްޓްރީގައި މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރު އެވެ. ލައިކޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޔާޟް އެވެ.
މި މަޝްރޫއުގެ ދަށުން މުލީގައި ކުނި މެނޭޖް ކުރާ ސެންޓަރު އެޅުމަށް 4.2 މިލިޔަން ރުފިޔާ ހަރަދުވާއިރު، ފޮނަދޫގައި މި މަސައްކަތް ކުރުމަށް 2.7 މިލިޔަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ.
މިއާއެކު މި ދެ މަޝްރޫއަށް 6.9 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވާއިރު، މި ދެ މަޝްރޫއު ވެސް 6 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.
"މި މަޝްރޫޢުތައް ނިމުމުން، މިދެރަށުގައިވެސް ރަށުފެންވަރުގައި ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒުގައި ކުނި ވަކިކޮށް، އަލުންބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ކަނޑައެޅިފައިވާ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒަކަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ." އެންވަޔަރްމެންޓް މިނިސްޓްރީން ވިދާޅުވި އެވެ.
މީގެ އިތުރުން އެ މިނިސްޓްރީން ވިދާޅުވީ މި ދެރަށުގައި ވެސް ކުނި މެނޭޖްކުރާ މަރުކަޒުގައި ފަނާވާ ޒާތުގެ ކުނި ޓްރީޓް ކުރުމަށް އެނެރޯބިކް ޑައިޖެސްޝަން ޕްލާންޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ދެ ރަށުގައި ކުނި މެނޭޖުކުރާ ނިޒާމް ހަރުދަނާ ކުރުމުގެ މިމަޝްރޫޢު ނިމުމުން އެ ދެ ރަށުގައި ކުނި އެންދުމާއި، މާ ގިނައިން ރަށުގައި ކުނި ޖަމާވެ ދިމާވާ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް ވެސް އެ މިނިސްޓްރީން ވިދާޅުވެ އެވެ.
މިއީ އެ މިނިސްޓްރީގެ ޒޯން 2، 4 އަދި 5 ގައި ތަންފީޒް ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ދެ މަޝްރޫއެވެ.






