ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ހަންގޭރީގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް، ޕީޓަރ ސިއާޓޯ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުން އޮތީ މިއަދުގެ މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއާގެ އޮފީހުގަ އެވެ.
މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެޤައުމުގެ މަސްލަހަތުއޮތް ކަންކަމާއި ދެޤައުމަށް މަންފާވާނޭ ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ.
މިނިސްޓަރ ޕީޓަރ ސިއާޓޯގެ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި ހަންގޭރީ އާއި ދެމެދު އޮތް ގުޅުމާއި. ދެޤައުމުގެ ދެމެދުގައި މިއަދު ސޮއެކުރެވުނު އެއްބަސްވުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އަދި ހަންގޭރީ ސަރުކާރުން ދިވެހި ކިޔަވާކުދިންނަށް ދެމުން އައި ސްކޮލަޝިޕްގެ އަދަދު 15 އިން 25އަށް އިތުރުކޮށްދެއްވާފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކޮށްދިނުމަށް މިސަރުކާރުންވެފައިވާ ވަޢުދާއި އެއްގޮތަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ރައީސް ވަނީ، ހަންގޭރީ ސަރުކާރުން ދިވެހި ދަރިވަރުންނަށްދޭ ސްކޮލަރޝިޕްގެ އަދަދު އިތުރުކޮށްދެއްވުމަށް ނިންމަވާފައިވާ ނިންމެވުމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދިވެހިން ހަންގޭރީއަށް ދަތުރުކުރުމުގައި ވިސާގެ ލުއިތައް ދެއްވުމަށް ނިންމަވާފައި ވާތީ އެކަމަށް ވެސް ޝުކުރު އަދާކުރެއްވި އެވެ.
މީގެ އިތުރުން ރަޝިޔާ- ޔޫކްރޭން ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން އެޤައުމުން ރައްކާތެރިކަމާއިއެކު ބޭރުވުމަށް ހަންގޭރީން ވެދެއްވި އެހީތެރިކަމަށްޓަކައި ވެސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
މިބައްދަލުކުރެއްްވުމުގައި، އެ ދެ ބޭފުޅުން ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމެންޓް ފުރުޞަތުތަކާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ އަދި ދެޤައުމަށް މަންފާކުރާނޭ ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާ ފައެވެ.
މިބައްދަލުވުން ނިންމަވާލެއްވީ، ކުރިއަށް އޮތްތަނުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނޭކަމުގެ ޔަޤީންކަން ދެއްވަމުން ނެވެ.






