Close

އަލްއަޒްހަރު ޔުނިވަރސިޓީއަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި އިސްދައުރެއް އަދާކުރަމުން އަންނަތަނެއް: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، އަލްއަޒްހަރު އަލް ޝާރިފްގެ ގްރޭންޑް އިމާމް ޕްރޮފެސަރ ޝައިޚް އަޙްމަދު އަލްޠައްޔިބާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުމުގައި ގްރޭންޑް އިމާމް ވަނީ ދިވެހިރާއްޖެއަށް ކުރު މުއްދަތުގެ ތަމްރީނާއި ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި މުދައްރިސުން ހަމަޖައްސަވައިދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެމަނިކުފާނު މިސްރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިސްރުގެ ޝަރުމް އަލް ޝެއިޚްގައި ކުރިއަށްދާ މިއަހަރުގެ އދ.ގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ކައިރޯގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ނައިބު، ދެއްކެވި ވާހަކަފުޅުގައި، މިޞްރާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ އަގު ދިވެހިރާއްޖެއިން ވަރަށް ބޮޑަށް ވަޒަންކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަނީ ދެޤައުމުގެ ދެމެދުގައި ވާ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އިސްލާމީ އަދި ޘަޤާފީ އަޚްލާޤާއި، ތާރީޚީ ގުޅުން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ގްރޭންޑް އިމާމް ވަނީ މަތީ ތަޢުލީމާއި އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމާއި އިމާމުން ތަމްރީނު ކުރުމާއި ހަރުކަށި ފިކުރާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތާ ބެހޭ ގޮތުން ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ތަފާތު މައުޟޫތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

ހަމަ އެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ގްރޭންޑް އިމާމް ވަނީ މިޞްރުގެ އެހީގައި ޢަރަބި ބަހުގެ ތަމްރީނުދޭ މަރުކަޒެއް ރާއްޖޭގައި ޤާއިމުކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިޖްތިމާޢީ-އިޤްތިޞާދީ އަދި އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ ރޮނގުން މިޞްރު ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ އަލްއަޒްހަރު ޔުނިވަރސިޓީއަކީ ރާއްޖޭގެ ތަޢުލީމީ ދާއިރާގައި އިސްދައުރެއް އަދާކުރަމުން އަންނަ ޔުނިވަރސިޓީއެއް ކަމަށާއި، 1980ގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ކޮންމެ އަހަރަކުވެސް ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ސްކޮލަރޝިޕްތައް ދެމުން އަންނަތަނެއްކަމުގައި ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން މިޞްރާއި އެކު ބައިނަލްއަޤްވާމީ ގޮތުންނާއި ދޭދޭގޮތުން ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް އެކުގައި މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން އުންމީދުކުރައްވާކަމުގައި ވިދާޅުވި އެވެ. އަދި ގްރޭންޑް އިމާމް ވަނީ ދިވެހިރާއްޖެއަށް ވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްވި ދައުވަތު ވެސް ގަބޫލުކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top