Close

އިގްތިސާދީ ކުރިމަގު ފެންނަނީ އުންމީދީ ގޮތެއްގަ: ރައީސް

އިގްތިސާދީގޮތުން މިހާތަނަށް ކުރިމަތިވި ދަތިތަކުން އަރައިގަނެވި، މިހާރު އިޤްތިޞާދީ ކުރިމަގު ފެންނަނީ އުންމީދީ ގޮތެއްގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ގައުމާ މުހާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކޯވިޑް 19 އާއި އަދި އޭގެ ފަހުން ކުރިމަތިވި ރަޝިޔާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން، އިޤްތިޞޯދީ ގޮތުން ރާއްޖެ ވެއްޓުނު ފުންވަޅުގަނޑުން، ސަރުކާރާ ރައްޔިތުންގެ މަސައްކަތުން އަރައިގަނެވިފައިވާކަން ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް މިއީ މުޅި ދުނިޔެއަށްވެސް ދަތިދުވަސް ވަރެއްކަމުގައިވާތީ ރާއްޖެއަށް ވެސް އޭގެ އަސަރުތައް ކުރަމުންދާކަން ފާހަގަކުރައްވައި ވިދާޅުވީ މިކަންކަމުގެ ސަބަބުން ކުރާ ނޭދެވޭ އަސަރަށްވުރެ ބޮޑީ ސިޔާސީ ބޭނުމަށްޓަކައި، ރާއްޖެ ބަނގުރޫޓްވެ ، އިޤްތިޞޯދު އިނދަޖެހި ރައްޔިތުން ބިކަވެއްޖެ ކަމުގެ ބިރު ރައްޔިތުންނަށް ދެއްކުމަށް ފަތުރަމުންދާ އަޑުތަކުގެ ސަބަބުން ކުރާ އަސަރުތައްކަމުގަ އެވެ.

ރައީސް ވަނީ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި އިސްކަންދީފައިވާކަން ފާހަގަކުރައްވާފަ އެވެ. އެހެންނަމަވެސް މިކަންކަން ކުރާނީ ރައްޔިތުންނަށާއި އިގްތިސާދަށް އޭގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރު އެންމެ ކުޑަވާނެގޮތަށްކަން ފާހަގަކުރެއްވި އެވެ.

ފާއިތުވި 4 އަހަރުގެ ތެރޭގައި އިގްތިސާދީ ހަރަކާތްތައް ކުރިޔަށްގެންދިއުމާއި އެދާއިރާއިން ހާސިލުކުރެވިފައިވާ ބައެއް ކުރިއެރުންތަކަށް އަލިއަޅުވާލައްވާ ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްޤީވުމަށް ފަހި މާހައުލެއް ޤާއިމްކޮށްދެވިފައިވާ ކަމަށެވެ. އަދި ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ހިންގުމުގައި ހުރި އިދާރީ ހުރަސްތައް، ކުޑަކުރެވި މި ނިޒާމް ޑިޖިޓައިޒް ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން ވަޒީފާ އަދާކުރާ މީހާއަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ޤާނޫނަކުން ކަނޑައަޅާފައިވުމާއި ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ހެޔޮ ބަދަލާއި މި ހެޔޮ ބަދަލު އަންނަ އަހަރު ސިއްހީ ދާއިރާއަށް ގެނެވޭނެކަން ވެސް ތަކުރާރު ކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top