ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިޞްރުގެ ޝަރްމުއްޝައިޚަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.
އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ( ކޮޕް 27) ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވެވި މި ދަތުރުފުޅަށްފަހު މަނިކުފާނު ރާއްޖެ ވަޑައިގެންނެވީ މިއަދުގެ މެންދުރުފަހު އެވެ.
މި ދަތުރުފުޅުގައި، އ.ދ.ގެ 2022 ވަނަ އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން، ރާއްޖޭގެ ޤައުމީ ބަޔާން އިއްވަވައި ދެއްވައި، މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ދުނިޔޭގެ ޤައުމުތަކުން އެއްބައިވުމަށް ވަނީ ގޮވާލައްވާފަ އެވެ.
އެގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ކަންކަމުގައި، ރާއްޖެއަށް ކުރެވޭނެ މާބޮޑުކަމެއް ނެތްކަން ފާހަގަކުރައްވައި، ބައިނަލްއަޤުވާމީ މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ނުލިބި، ހަރުދަނާ ގޮތެއްގައި މޫސުމީ ބަދަލުތަކަށް އިޖާބަދިނުމަކީ ރާއްޖެއަށް ކުރެވޭނެ ކަމެއް ނޫން ކަމުގައި ވަނީ ވިދާޅުވެފަ އެވެ.
މި ދަތުރުފުޅުގައި ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާއި، ޤައުމުތަކުގެ މަތީފެންވަރުގެ ވަފުދުތަކާއި އެކު ބައްދަލުވުންތައް ބާއްވަވާފަ އެވެ. އަދި ކޮޕް 27 ކޮންފަރެންސްގެ ތެރެއިން ބޭއްވި "އިނޮވޭޓިވް ފައިނޭންސް ފޮރ ކްލައިމެޓް އެންޑް ޑިވެލޮޕްމަންޓް" މަތީ ފަންތީގެ ވެރިންގެ ވަށްމޭޒު ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރެވޭ މަސައްކަތްތައް ކުރިއަރާފައިވާ ގައުމުތަކުން ވެސް ދެނެގަނެ، ޒިންމާ އުފުލެއްވުމަށް އެމަނިކުފާނު ވަނީ ގޮވައިލައްވާފަ އެވެ.
މީގެ އިތުރުން "ކްލައިމެޓް ޗޭންޖް އެންޑް ސަސްޓެއިނަބިލިޓީ އޮފް ވަލްނަރަބަލް ކޮމިއުނިޓީސް" މަތީ ފަންތީގެ ވެރިންގެ ވަށްމޭޒު ބައްދަލުވުމުގައި ވެސް ބައިވެރިވެވަޑައިގަންނަވައި، ވާހަކަފުޅު ދެއްކެވި އެވެ. އަދި އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް27) ގެ ހަވާސާގައި ބޭއްވި ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) އާއި ވަލްނަރަބަލް ގްރޫޕް އޮފް 20، (ވީ20) ގައިވެސް ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދެއްކެވި އެވެ.
ނައިބުގެ މި ދަތުރުފުޅުގައި އަލްއަޒްހަރު އަލް ޝާރިފްގެ ގްރޭންޑް އިމާމް ޕްރޮފެސަރ ޝައިޚް އަޙްމަދު އަލްޠައްޔިބާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އަލްއަޒްހަރު އަލްޝާރިފްގެ ގްރޭންޑް އިމާމް ވަނީ ރާއްޖެއަށް ކުރު މުއްދަތުގެ ތަމްރީނާއި ސްކޮލަރޝިޕްގެ ފުރުޞަތުތަކާއި، މުދައްރިސުން އިތުރަށް ފޮނުއްވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
މީގެ އިތުރުން މިދަތުރުފުޅުގައި ވަނީ، މިޞްރުގައި ކިޔަވަންތިބި ދިވެހި ކިޔަވާކުދިންނާއިވެސް ޤާހިރާގައި ބައްދަލު ކުރައްވާފަ އެވެ.
މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.






