ގދ. ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާ އެކު އައްޑޫއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، ބަންޑުން ޖަހާލި ލޭންޑިންގކްރާފްޓުން ގެއްލުނު ބިދޭސީ ފަޅުވެރިޔާ އަދިވެސް ނުފެންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ.
އެ އިދާރާއިން ވިދާޅުވީ އެ މީހާ ހޯދުމުގެ މަސައްކަތް އިއްޔެ ވެސް ކުރިއަށް ގެންދިޔަ ކަމަށާއި އޭނާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން، 5118 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އެގޮތުން ކަނޑުމަގުންނާއި ވައިގެމަގުން އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި ވައިގެ މަގުން 4854 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ވެސް ވިދާޅުވެ އެވެ. އަދި ކޯސްޓްގާޑު ޝިޕް ޣާޒީއާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ގުޅިގެން ކަނޑުމަގުން 264 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވި އެވެ.
އެހެންނަމަވެސް އެ މީހާ ހޯދުމަށް ކުރެވުނު މަސައްކަތުން، އަދިވެސް އެ މީހާ ފެނިފައެއް ނުވާ ކަމަށް ވިދާޅުވި އެވެ.
މި ނޮވެމްބަރ މަހުގެ 12 ވަނަ ދުވަހު ހިނގި މި ހާދިސާއާއި ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ކުރިންވިދާޅުވެފައިވަނީ އެއީ ގދ. ވާދޫ ކުޑަ ކަނޑާ ދިމާލުން 12 މޭލު ބޭރުން ދަތުރުކުރަމުންދިޔަ އުޅަނދެއް ކަމަށެވެ. އަދި އެ އުޅަނދު ބަންޑުން ޖަހާލައިގެން އުޅޭކަމުގެ ރިޕޯޓު އެ އިދާރާއަށް ކޮށްފައިވަނީ އެދުވަހުގެ 01:25 ހާއިރު ކަމަށެވެ.
ފަރެސްމާތޮޑާއިން ފުރައިގެން ދަނިކޮށް ބަންޑުން ޖަހައިލި އެ ލޭންޑިންގ ކްރާފްޓް ގެ ކައިރީގައި ވާދޫ "ސީ ވީޑް" ދޯނި ހަރަކާތްތެރިވެ، ތިން މީހުން ސަލާމަތްކޮށްފައިވާ ކަމަށާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރ ކްރާފްޓުގައި މި ތިން ފަޅުވެރިން އެދުވަހުގެ 16:10 ހާއިރު ގދ. ވާދޫއަށް ގެންދެވިފައިވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ބަންޑުން ޖަހާލާފައިވަނީ "ލިއޯ ސަކްސެސް" ނަމަކަށް ކިޔާ ލޭންޑިންގ ކްރާފްޓެއް ކަމަށެވެ. އެ އެ އުޅަނދު ބަންޑުންޖަހައިލީ ދިޔަވުމުގެ ސަބަބުން ކަމަށެވެ.






