ލ. އިސްދޫގައި ފަތުރުވެރިކަމަށް ބިން ކުއްޔަށް ދޫކުރުމުގައި ފަންނީ އެހީތެރިކަން ދިނުމަށް ފަހުމުނާމާއެއްގައި ސޮއި ކޮށްފި އެވެ.
މި ފަހުމުނާމާ އަކީ މިނިސްޓްރީ އޮފް ޓޫރިޒަމާއި ހައްދުންމަތީ އިސްދޫ ކައުންސިލާއި ދެމެދު ސޮއި ކުރެވުނު ފަހުމުނާމާ އެކެވެ.
މި ފަހުމުނާމާގެ ދަށުން އެރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް އެރަށު ކައުންސިލްގެ އެދުމުގެ މަތިން، އެ ރަށުގައި ފަތުރުވެރިކަމުގެ ބޭނުމަށް ކަނޑައެޅޭ ބިންބިން ބީލަމުގެ އުސޫލުން ކުއްޔަށް ދިނުމަށް ބޭނުންވާ އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބީލަން ފޮތާއި، އެވޯޑް ލެޓާރއާއި އެއްބަސްވުން ތައްޔާރުކުރުމާއި ބީލަމާއި ގުޅުންހުރި އެހެނިހެން ކަންކަން ކުރިއަށް ގެންދިއުމަށް ވެސް ހަމަޖެހިފައި ވެއެވެ.
މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ފަންނީ އެހީތެރިކަން އެކައުންސިލަށް ދިނުމަށް ވެސް މި ފަހުމުނާމާގެ ސަބަބުން މަގުފަހިވާނެ އެވެ.
މި ފަހުމުނާމައިގާ މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ސާލިހު އެވެ. އިސްދޫ ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލުގެ ރައީސް އިބްރާހިމް ހަލީލު އެވެ.






