ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ރާއްޖޭގެ ވެރިކަމާއި ހަވާލުވިތާ 4 އަހަރު ފުރުނީ މި ނޮވެމްބަރ މަހުގެ 17 ވީ ބްރާސްފަތި ދުވަހު އެެވެ.
މި ދުވަހު ފެނަކަ ކޯޕަރޭޝަނުން ވަނީ ރައްޔިތުން، މިހައިތަނަށް އުފުލަމުން އައި ވަރަށްބޮޑު ތަކުލީފަކަށް ނިމުން ގެނެސްދީފަ އެވެ. އާދެ! ކަރަންޓު މީޓަރު ޓެސްޓު ކުރުމަށް އެންމެފަރާތަކަށް ބަރޯސާވުމުގެ ސިލްސިލާއަށް ނިމުން ގެނެސްދީފަ އެވެ.
ރާއްޖޭގައި ކަރަންޓު މީޓަރު ޓެސްޓު ކުރުމަށް ރައްޔިތުން މިހައިތަނަށް އުފަލުން އައި ބުރަ އަދި އުނދަގޫ މަސައްކަތަަށް ހައްލެއް ގެނެސްދީ މިވަނީ އިންޓަރނޭޝަނަލް ސްޓެންޑަރޑްތަކަށް ފެތޭ މީޓަރ ޓެސްޓް ބެންޗެއް ހޯދައި، ކަރަންޓު މީޓަރ ޓެސްޓްކުރެވޭ ފެސިލިޓީއެއް ގާއިމް ކުރުމުން ނެވެ.
ސައްތައިން ސައްތަ، އެ ކުންފުނިން ހަރަދު ކުރައްވައިގެން ގާއިމު ކުރެއްވި މި ފެސިލިޓީއަކީ މީޓަރ ޓެސްޓްކުރުމަށް ރިކުއެސްޓް ލިބޭތާ 3 ނުވަތަ 6 ގަޑިއިރުގެ ތެރޭގައި ޓެސްޓް ކުރެވޭ ފެސިލިޓީއެކެވެ. އަދި މިއީ 01 ގަޑިއިރު ތެރޭގައި މަދުވެގެން 75 މީޓަރ ޓެސްޓް ކުރެވޭ ނިޒާމެކެވެ.
މި އިންގިލާބީ ބަދަލު އިފްތިތާހުކޮށްދެއްވާފައިވަނީ ފެނަކަ ހެޑް އޮފީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު އާއި އެކުންފުނީގެ ޗެއަރމަން މުޙައްމަދު ރަޝީދެވެ.
މި ހިދުމަތް ފެށުމަކީ މުޅި ރާއްޖޭގެ ހަކަތައިގެ ސިނާޢަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ އެމްޑީ ސައިދު ވިދާޅުވީ މީގެކުރިން މީޓަރ ޓެސްޓުކުރުމަށް އެތައް ހަފްތާއެއް މަޑުކުރަން ޖެހުނު ދުވަސްތައް މާޒީއާ އެކުވެގެެން ދިޔައީ ކަމަށެވެ.
ފެނަކައިން މިފަދަ ފެސިލިޓީއެއް ގާއިމުކޮށް ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދެއްވާފައިވާއިރު، މީޓަރ ޓެސްޓުކުރުން ލަސްވުމަކީ، ވަރަށްގިނަ ބައެއްގެ ޝަކުވާއެކެވެ. ހާއްސަކޮށް ބޮޑެތި އިމާރާތްތަކަށް މި ލަސްވުމުގެ ސަބަބުން ވަނީ ދަތިތަކާއި ކުރިމަތިވެފަ އެވެ.
ނަމަވެސް މިހާރު އެއީ މާޒީ އެވެ.
މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ހޯދުމަށް ރައްޔިތުން ހޭދަކުރަންޖެހޭ ވަގުތު ކުޑަވެގެންދާއިރު، މި ހިދުމަތް ބޭނުންވާ ފަރާތްތަކަށް ވަގުތު ސަލާމަތް ކުރުމަށް ވެސް ފެނަައިން މިވަނީ ފަހި މަގެއް ކޮށައިދެއްވާފަ އެވެ.






