ފަހުރުވެރި ދިވެހި އާއިލާއެއް ބިނާކުރުމުގެ ގޮތުން ހުނަރުވެރިން ތަމްރީނުކުރުމަށް ހުރި ފުރުޞަތުތައް ފަހިކޮށްދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ކުރިއަށްގެންދާ ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ ފަށައިފި އެވެ.
މިއީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯ ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މި އެކްސްޕޯއަށް ޒިޔާރަތްކުރައްވާފަ އެވެ.
މި ޒިޔާރަތްކުރެއްވުމުގައި ރައީސްގެ ދެކަނބަލުން ވަނީ މި އެކްސްޕޯގެ އެކި ސްޓޯލަތަކަށް ވަޑައިގެން އެތަންތަނުން ދެމުންގެންދާ މަޢުލޫމާތުތައް އޮޅުންފިލުއްވާފަ އެވެ. އަދި އެވަގުތު އެކްސްޕޯގައި ތިބި ބައެއް ޒުވާނުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯއަކީ ޒުވާނުންނަށް ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށާއި މުސްތަޤްބަލުގައި ވަޒީފާގެ މައިދާނުގައި ކުރިއަށްދެވެންހުރި މަގުތައް ރޭވުމަށް އެހީތެރިވުމުގެ ގޮތުން ދެދުވަހުގެ މުއްދަތައްް ކުރިއަށްގެންދާ އެކްސްޕޯއެކެވެ.
މި އެކްސްޕޯގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހާއްސަކޮށް ޒުވާނުން މަތީ ތަޢުލީމާއި ވޮކޭޝަނަލް އެޑިއުކޭޝަންގެ ދާއިރާއިން ރާއްޖޭން ލިބެންހުރި ފުރުސަތުތަކުގެ މަޢުލޫމާތުތަކަށް އަހުލުވެރިކޮށް އެކަމަށް ޒުވާނުންގެ ޝައުގުވެރިކަން އުފައްދައި، ޓިވެޓުގެ ދާއިރާއިން ތަޢުލީމު ޙާޞިލުކުރުމުން ލިބެންހުރި ވަޒީފާގެ ފުރުޞަތުތަކަށް އަހުލުވެރިކުރުވުން ހިމެނެ އެވެ. އަދި މަސައްކަތުގެ ބާޒާރަށް ބޭނުންވާ ހުނަރުވެރިން ތަމްރީނުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ފުރުޞަތުތަކަށް ޒުވާނުން ހޭލުންތެރިކުރުވުންވެސް މި އެކްސްޕޯގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މި އެކްސްޕޯ އަމާޒުކޮށްފައިވަނީ 16 އަހަރާއި 35 އަހަރުގެ ޒުވާނުންނަށެވެ. އެގޮތުން ގްރޭޑް 9،10،11،12 ގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށާއި، ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކޮށް ސްކޫލް ނިންމާ ކުދިންނަށާއި، މަތީ ތަޢުލީމު ޙާޞިލުކުރަމުންނުދާ ކުދިންނަށް މި އެކްސްޕޯގެ ޒަރިއްޔާއިން ކުރިމަގު ބައްޓަންކުރުމަށް އެހީތެރިވެދޭނެ އެވެ.
މި އެކްސްޕޯގައި 30 ސްޓޯލް ހިމެނެ އެވެ. އަދި އެކްސްޕޯގައި މަތީ ތަޢުލީމު ފޯރުކޮށްދޭ އިދާރާތަކާއި، ޓިވެޓް ސެންޓަރާއި، އެސް.އޯ.އީ ތަކާއި، ސަރުކާރުގެ އިދާރާތަކާއި، ބައެއް މިނިސްޓްރީތަކުންވެސް ބައިވެރިވި އެވެ.
މި އެކްސްޕޯގައި ޕެނަލް ޑިސްކަޝަންތަކާއި، މެހެމާނުން ވާހަކަދެއްކުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ވެއެވެ.






