ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް ރައްޔިތުން ބޭނުންވާ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދަރަނބޫދޫ ކައުންސިލް މެންބަރުން ވަނީ ކުޑަ ރަށެށް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ތަރައްޤީ ހޯއްދަވައިދެއްވުމަށް މި ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާ މިންވަރު ފާހަގަކުރައްވާފަ އެވެ. އަދި ފ. އަތޮޅަށް އެކަނި ބެލިކަމުގައިވިޔަސް އެންމެ ޖާގައިގެ ގޮތުން ތަނަވަސް، އެންމެ ފަސޭހަ ބަނދަރު ދަރަނބޫދޫގައި ގާއިމްކޮށްފައިވުމަކީ މިގޮތުން ސަރުކާރުން ކުރައްވާފައިވާ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް ވެސް ވިދާޅުވި އެވެ.
ދަރަނބޫދޫ ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މިހާރު ހިނގަމުންދާ މަޝްރޫޢުތަކާއި، އަދި ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަމުގެ މަޢުލޫމާތު ރައީސް އަށް ދަންނަވާފަ އެވެ.
އެގޮތުން، ކައުންސިލުން ވަނީ ނަރުދަމާގެ މަޝްރޫޢުގެ މަސައްކަތް ކުރިޔަށް ދާކަމުގައި ވިދާޅުވެފަ އެވެ. އަދި، ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާކަމަށާއި، ޢިޖްތިމާޢީ މަރުކަޒެއްގެ މުހިންމުކަމާއި، ރަށުގެ ބިނާވެށި ޕްލޭން ފާސްކުރުމަށް ބޭނުންވާކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން ވެސް ކައުންސިލްގެ ބަޖެޓުގެ ދަތިކަމާއި، ސްކޫލްގެ ޖާގައިގެ ދަތިކަން އަދި، ޞީއްޙީ މަރުކަޒުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ކައުންސިލުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފަ އެވެ.
ދަރަނބޫދޫ އ.ތ.މ. ކޮމިޓީއިން ވެސް ވަނީ އެކޮމެޓީގެ މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ކުރިމަތިވާ ޖާގައިގެ ދަތިކަމާއި، މާލީދަތިތައް ފާހަގަކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެރަށުގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ ބައެއް މަޝްރޫޢުތަކުގެ ފަހުގެ މަޢުލޫމާތުތައް ހިއްސާ ކުރައްވާފަ އެވެ.
މީގެ އިތުރުން ކައުންސިލާއި އ.ތ.މ. ކޮމިޓީން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވައިގެން މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވި އެވެ.






