Close

ޒަޔާންގެ މަރު: ކުޑަކުދިން ބޭނުންކުރި ކަމުގެ ދައުވާ ހަތް މީހަކަށް އުފުލައިފި

ޝަހީދު ހުސައިން އާދަމް ބިލްޑިންގ

އައްޑޫ ސިޓީ ފޭދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި ސިލްސިލާ މާރާމާރީތަކަކަށްފަހު، މަރާލާފައިވާ ސ. ފޭދޫ/ސޮލިޑް، މުހައްމަދު ޒަޔާން މޫސާގެ މަރުގެ މައްސަަލައިގާ ކުޑަކުދިން ބޭނުންކުރި ކަމުގެ ދައުވާ ހަތް މީހަކަށް އުފުލައިފި އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ މިހަތް މީހުންގެ ތެރެއިން ހަ މީހެއްގެ މައްޗަށް ކުޑަކުދިން ލައްވާ ކުށްކުރުމުގެ 8 ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އަދި ކުޑަކުދިން ލައްވާ ކުށްކުރުމުގެ 4 ދައުވާއެއް އެކެއްގެ މައްޗަށް އުފުލާފައިވާ ކަމަށެވެ.

ޒަޔާން މަރާލާފައިވަނީ އައްޑޫ ސިޓީ ފޭދޫގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި ސިލްސިލާ މާރާމާރީތަކަކަށް ފަހު މިދިޔަ ޖޫން 2 ވަނަ ދުވަހު އެވެ. އުމުރުން 21 އަހަރުގެ ޒަޔާން މަރާލީ ގޭންގަކުން އޭނާ ދިރިއުޅޭ ގެއަށް ވަދެގެން ނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލާފައިވާ ހަތް މީހުންނަކީ:

  1. ޔައީޝް އަންވަރު، ސ. ހިތަދޫ/ ކަދުރުމާގެ
  2. އައިލިޝް އަލީ، ސ. ފޭދޫ/ ފުފޫމާގެ
  3. އަހުމަދު ޝުއާއު، ސ. ފޭދޫ/ ދިރިމާގެ
  4. އަހުމަދު ނަބީލް، ސ. ފޭދޫ/ ސަންޝައިން
  5. އަބްދުﷲ ނިޒާރު، ސ. ފޭދޫ/ ކާމަރަގަގެ
  6. އަހުމަދު އަބްދުﷲ، ސ. ފޭދޫ/ ކަރަންފޫގެ
  7. އަބްދުﷲ ޝިޔާއު ރަޝީދު، ސ. ފޭދޫ/ ދިރިމާގެ

ޒަޔާން މަރާލި މައްސަލާގައި 4 ކުޑަ ކުއްޖެއްގެ މައްޗަށް ވެސް ދައުވާކޮށްފައި ވެއެވެ.

މިމައްސަލާގައި 18 އަހަރުން ދަށުގެ 4 ކުދިންނާއެކު 11 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ

  1. އަބުދުالله ނިޒާރު 28އ  - ކާމަރަނގަގެ ، ސ.ފޭދޫ
  2. އަބުދުالله ޝިޔާއު ރަޝީދު 22އ - ދިރިމާގެ، ސ. ފޭދޫ
  3. އައިލިޝް އަލީ 19އ  - ފުފޫމާގެ، ސ.ފޭދޫ
  4. އަހުމަދު ޝުއާއު 24އ - ދިރިމާގެ، ސ.ފޭދޫ
  5. ޔައިޝް އަންވަރު 19އ - ކަދުރުމާގެ، ސ. ފޭދޫ
  6. އަހުމަދު އަބުދުالله 25އ - ކަރަންފޫގެ، ސ. ފޭދޫ
  7. އަހުމަދު ނަބީލް 34އ - ސަންޝައިން، ސ. ފޭދޫ

މީގެ އިތުރުން ހައްޔަރުކޮށްފައިވަނީ 15 އަހަރުގެ ދެކުއްޖަކާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެކެވެ.

މިއަހަރުގެ އޮކްޓޯބަރ 19 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެފައިވަނީ ޒަޔާން މަރުވުމުގެ ކުރިން ހަމަލާދިން ގޮތާއި ހަމަލާދިން މީހުން ކިޔައިދީފައިވާ ކަމަށެވެ.

ޒަޔާންއަށް ހަމަލާދީ މާރާމާރި ހިންގި މައްސަލަ ހުށަހަޅާފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ މެންދަމު އައްޑޫ ގަމު ޕޮލިސް ސްޓޭޝަނަށް ކަމަށާއި އެ މައްސަލަ ހުށަހެޅި ޒަޔާންގެ އާއިލާގެ ފަރާތުން ކަމަށް އެ އިދާރާ އިން ވަނީ ވިދާޅުވެފަ އެވެ. އަދި ފުލުހުން ސީންއަށް ދިޔައިރު ޒަހަމްތަކާއެކު ޒަޔާން ގޭގައި އޮތް ކަމަށް ވެސް ވިދާޅުވި އެވެ.

"އޭނާއަށް (ޒަޔާނަށް) އެވަގުތު ވާހަކަ ދެއްކޭތީ ބައެއް ވާހަކަތައް އޭނާ ފުލުހުންނަށް ވަނީ ކިޔައިދީފަ. އެގޮތުން ހަމަލާދިން ގޮތާއި ހަމަލާދިން މީހުންނާ ގުޅޭ ވާހަކަތައް ވަނީ ދައްކާފަ" ޑެތް އެންޑް ހޮމިސައިޑް އިންވެސްޓިގޭޝަން ޔުނިޓްގެ ހެޑް، އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ސާމިހް އެދުވަހު ވިދާޅުވި އެވެ.

މީގެ އިތުރުން ސާމިހް ވިދާޅުވީ މިއީ ދުރާލާ ރާވައިގެން ހިންގާފައިވާ މާރާމާރީއެއް ކަމަށް ތަހުގީގަށް މިހައިތަނަށް އެނގިފައިވާ ކަމަށާއި މިއީ އައްޑޫ ސިޓީގެ ފޭދޫގައި ޖަމާއަތް ހަދައިގެން ކުށް ކުރަމުން އަންނަ ދެ ބައެއްގެ ތެރޭގައި ހިންގި ސިލްސިލާ މާރާމާރީއެއް ކަމަށެވެ.

އެގޮތުން ޒަޔާން މަރާލީ ބަދަލު ހިފުމުގެ މާރާމާރީއެއްގެ ތެރެއިން ކަމަށާއި ތަހުގީގަށް ހޯދުނު ހެކިތަކަށް ބަލާއިރު ހަމަލާދިނުމަށް ބޭނުންކުރި ބައެއް ތަކެތި ނައްތާލުމަށް އަލިފާން ހުޅުގަނޑެއް ޖަހައި މަސައްކަތް ކޮށްފައިވާ ކަމަށް ވެސް ސާމިހް ވަނީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ.

ކްރައިމް ސީންއިން ހޯދުނު ބައެއް ހެކިތައް އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހެއްގެ ޑީއެންއޭއާ ދިމާވާކަން ފާހަގަކުރައްވާ ސާމިހް ވިދާޅުވީ އެ ހަމަލާ ދިނުމުގަޔާއި ހެކި ނައްތާލުމުގައި ހަރަކާތްތެރިވެފައި ވަނީ ހަ މީހެއް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 15 އަހަރާއި 19 އަހަރާ ދެމެދުގެ ބައެއް ކަމަށް ސާމިހް ވިދާޅުވި އެވެ.

ޒަޔާނަަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ މިދިޔަ މޭ މަހުގެ 31 ވަނަ ދުވަހުގެރޭ ފޭދޫގައި ހިންގި އެ މާރާމާރީގަ އެވެ. ޒަޔާން މަރުވީ އޭނާއަށް ލިބުނު ޒަޚަމްތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ މާރާމާރީ އަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމެއްގެ އިތުރުން މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top