ފަލަސްތީނުގެ ރައްޔިތުންނަށް ސުލްހަވެރިކަމާއި ތަނަވަސްކަމާއި އަބުރުވެރި ދިރިއުޅުމެއް ލިބެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެގައުމުގެ ރައްޔިތުންނާއެކު އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ފަލަސްތީނުގެ ރައީސް މަހްމޫދު ޢައްބާސްއަށް ފޮނުއްވި މެސެޖުގަ އެވެ.
އެ މެސެޖުގައި ރައީސް ވަނީ ދުވަހުގެ މުނާސަބަތުގައި ފަލަސްޠީނުގެ ރައްޔިތުންނާ، ފަލަސްތީނުގެ ސަރުކާރު، އަމިއްލަ އިޚްތިޔާރުގެ ހައްގު ހާސިލުކުރުމަށް ކުރާ މަސައްކަތުގައި، ދިވެހި ރައްޔިތުންނާއި، ދިވެހި ސަރުކާރު އަބަދު ވެސް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ހަމަ އެއާއެކު ފަލަސްތީނުގެ މައްސަލައިގައި ސުލްހަ ގާއިމުކުރުމަށްޓަކައި ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރެވޭ ދެދައުލަތުގެ ދެމެދު އޮންނަންޖެހޭނެ ހައްލަކީ، ދެމެހެއްޓެނިވި އަދި ދިގު މުއްދަތުގެ ހައްލެއްކަމަށް ހަބޫލުފުޅުކުރައްވާކަމުގައި ފާހަގަކުރައްވާފައިވެ އެވެ. އަދި އެމަނިކުފާނު ވަނީ، މިކަމަށްޓަކައި، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމަށް ގޮވާލައްވާފަ އެވެ.
އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ ގޮތުން ޤަބޫލުކުރެވޭ މި އިންތިޒާމާއި ޚިލާފަށް އެކަން އެއްފަރާތްކޮށް އަޅާ ފިޔަވަޅުތަކަކީ ޣައިރު ޤާނޫނީ ފިޔަވަޅުތަކެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާއި ހައްގުތަކަކީ ބައިނަލްއަގްވާމީ ގޮތުން އިސްކަންދޭ ކަމެއްގެ ގޮތުގައި ރާއްޖެއިން ދެކޭކަން ހާމަކުރައްވާފަ އެވެ.
މީގެ އިތުރުން މިކަމުގެ އަލީގައި، މި ރާއްޖެއިން ބައިނަލްއަގްވާމީ މުޖުތަމައުގެ މެންބަރެއްގެ ހައިސިއްޔަތުން، ފަލަސްޠީނަށް ފުރިހަމަ ދައުލަތެއްގެ ދަރަޖަ ހޯދުމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް، ފަލަސްޠީނުގެ ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިގަތުމާއި، ހިމާޔަތްކުރުމުގައި ބައިނަލްއަގްވާމީ މުޖުތަމައަށް އަދާކުރަންޖެހޭ މަސްއޫލިއްޔަތު ހަނދާންކޮށްދެމުން ގެންދާނެކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.






