ދުނިޔޭގެ އެންމެ މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް ކަމަށްވާ ފޭސްބުކްގެ ފައުންޑަރ މާކް ޒަކަބާގްގެ މިލްކިއްޔާތު 100 ބިލިއަން ޑޮލަރު ފަހަނައަޅައި ގޮސްފިއެވެ.
އޭނާގެ މިލްކިއްޔާތު 100 ބިލިއަނަށްވުރެ އިތުރުމިވީ ވީޑިއޯ ޝެއަރިންގ ނެޓްވޯކް، ޓިކްޓޮކާއި ވާދަކުރުމަށް އިންސްޓަގްރަމްއިން ނެރުނު ރީލްސް އެޕާއެކުއެވެ. މި އެޕް ނެރުމާއެކު ފޭސްބުކްގެ ހިއްސާގެ އަގު ހަ އިންސައްތަ އުފުލުނުއިރު ފޭސްބުކްގައި ޒަކަބާގްގެ 13 އިންސައްތަ ހިއްސާ އޮވެއެވެ.
ޒަކަބާގް ވެގެންގޮސްފައިވަނީ އެމޭޒަންގެ ފައުންޑަރ ޖެފް ބޭޒޯސް އަދި މައިކްރޯސޮފްޓްގެ ފައުންޑަރ ބިލް ގޭޓްސްގެ ފަހުން 100 ބިލިއަން ޑޮލަރަށްވުރެ މިލްކިއްޔާތު އިތުރު މީހާއަށެވެ.
ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ގެ ބަލިމަޑުކަމާއި ގުޅިގެން އެންމެ ގިނަ އާމްދާނީ ހޯދި ކުންފުނިތަކުގެ ތެރޭގައި ފޭސްބުކް ހިމެނެއެވެ. މިއަހަރުގެ ތެރޭގައި ޒަކަބާގްގެ މިލްކިއްޔާތަށް 22 މިލިއަން ޑޮލަރު ވަނީ އިތުރުވެފައެވެ.






