Close

ލ. ގަމު ތުނޑީ އަވަށުގައި މިސްކިތެއް އިމާރާތް ކުރުމަށް ފެޑޯ ކުންފުންޏާ ހަވާލުކޮށްފި

ލ. ގަމު ތުނޑީ އަވަށުގައި މިސްކިތެއް ޢިމާރާތްކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ. ފެޑޯ ޕްރައިވެޓް ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒް އެވެ.

ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ހަރަދުކޮށްގެން އިމާރާތްކުރާ މި މިސްކިތަށް ޖުމްލަ 16،818،646.27 (ސޯޅަ މިލިއަން އަށްލައްކަ އަށާރަހާސް ހަސަތޭކަ ސާޅީސް ހަ ރުފިޔާ ހަތާވިސް ލާރި) ހަރަދުވާނެ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި މިސްކިތްތައް ޢިމާރާތްކުރުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މަސައްކަތްތަކަށް ބައްލަވާލައްވާ، މިސްކިތްތައް ޢިމާރާތްކުރައްވާ ބޭފުޅުން، އެއްބަސްވުމުގައި ކަނޑައެޅިފައިވާ ދުވަހަށް މަސައްކަތް ނިންމެވުމަށް އެދިވަޑައިގެންނެވި އެވެ.

މީގެ އިތުރުން މިހާރު އަލަށް އިމާރާތްކުރެވޭ މިސްކިތްތަކަކީ ތަފާތު ރީތި ޑިޒައިންތަކަށް ބިނާކުރެވޭ އިމާރާތްތަކެއްކަން ފާހަގަކުރައްވައި، އެ ޑިޒައިންތަކާއި އެއްގޮތަށް، ކޮލިޓީކޮށް ކަނޑައެޅިފައިވާ މުއްދަތަށް މިސްކިތްތަކުގެ މަސައްކަތް ނިންމުމަކީ ސަރުކާރުން ބާރުއަޅުއްވާ ކަމެއްކަމަށް ވެސް ވިދާޅުވި އެވެ.

ގަމު ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު ވިސާމް ވަނީ ސަރުކާރުން، މިސްކިތްތައް ބިނާކުރުމަށް ކުރައްވާ މަސައްކަތްތައް ފާހަގަކުރައްވާ ސަރުކާރަށް ޝުކުރުއަދާކުރައްވާފަ އެވެ. އަދި އެ އަވަށުގައި ބިނާކުރެވުނު މިސްކިތުގެ މަސައްކަތް ހިނގަމުންދިޔަ ގޮތް އިސްލާމިކް މިނިސްޓްރީން ވަރަށް ގާތުން ބައްލަވާ، އެކަމަށް ބެހެއްޓެވި އަހަންމިއްޔަތުކަން ފާހަގަކުރެއްވި އެވެ.

ހަމަމިއާއެކު އެ އަވަށުގައި އިމާރާތްކުރަން އެއްބަސްވެވުނު މިސްކިތުގެ ސަބަބުން އެ ރަށުގެ މިސްކިތްތަކުގެ ޖާގައިގެ ދަތިކަން ހައްލުވާނެކަމަށް ވެސް ވިދާޅުވި އެވެ.

700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށް ވެސް ނަމާދުކުރެވޭ ގޮތަށް ބިނާ ކުރެވޭ މިސްކިތެކެވެ. މި މިސްކިތް އިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސްތެރޭގަ އެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު އަލީއާއި މިނިސްޓްރީގެ އިސްވެރިންނާއި، ލ. ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމްއާއި ފެޑޯ ޕްރައިވެޓް ލިމިޓެޑުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top