Close

'ޑިވެލޮޕިން ޔުއާ ގްރޯތު ޖާނީ އެންޑް މައިންޑްސެޓް' ގެ ނަމުގައި އަފީފްގެ ހާއްސަ އިވެންޓެއް

އަމިއްލަ ނަފްސުގެ ގާބިލްކަން އިތުރުކޮށް، ކާމިޔާބު މީހަކަށް ވުމަށްޓަކައި ގެންގުޅެން ޖެހޭ ވިސްނުން ތަރައްގީކުރާނެ ގޮތްތަކާ ބެހޭގޮތުން، ރާއްޖޭގެ މަޝްހޫރު މޯޓިވޭޝަނަލް ސްޕީކާ އަދި ލީޑާޝިޕް ކޯޗު ހުސެއިން އަފީފްގެ ހާއްސަ އިވެންޓެއް އަންނަ ފެބްރުއަރީ 11 ވަނަ ދުވަހު މާލޭގައި އޮންނާނެ އެވެ.

ރެޒޫމޯ މޯލްޑިވްސް އިން އިންތިޒާމުކުރާ މި އިވެންޓް އޮންނާނީ ގައުމީ ޔުނިވާސިޓީގެ ބިޒްނަސް ސްކޫލުގެ އޮޑިޓޯރިއަމްގައި އެ ދުވަހު ހެނދުނު 9 އިން ހަވީރު 5 އަށެވެ. އެކަމަކު މި އިވެންޓުގައި އޮންލައިންކޮށް ވެސް ބައިވެރިވެވޭނެ އެވެ.

'ޑިވެލޮޕިން ޔުއާ ގްރޯތު ޖާނީ އެންޑް މައިންޑްސެޓް' ގެ ނަމުގައި ބާއްވާ މި އިވެންޓުގައި އަފީފް ތިން ސެޝަނެއް ނަންގަވައިދެއްވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްރޮފެޝަނަލް ކެރިއަރާއި އަމިއްލަ ދިރިއުޅުމުގައި ކުރިއަރައިދާނެ މަގެއް ހިޔާރުކުރާނެ ގޮތާއި އެފަދަ ޕްލޭނެއް ތައްޔާރުކުރާނެ ގޮތާއި އެފަދަ ކަމަކަށް ކުރިމަތިލާއިރު އަމަލުކުރަން ޖެހޭނެ ގޮތްތަކާ ބެހޭ ކުރިއަށްގެންދާ އިލްމީ ސެޝަންތަކެވެ.

ދުނިޔޭގެ މަޝްހޫރު ލީޑާޝިޕް ކޯޗު ޖޯން މެކްސްވެލްގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަފީފް މި ސެޝަނުގައި މިސްޓަ މެކްސްވެލްގެ "ފިފްޓީން ލޯސް އޮފް ގްރޯތު" ކިޔަވައިދެއްވާނެ އެވެ. އަދި މި ސެޝަންތައް ފުރިހަމަކުރައްވާ ފަރާތްތަކަށް މިސްޓަ މެކްސްވެލްގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޓްފިކެޓެއް ލިބޭނެ އެވެ.

ރެޒޫމޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި އިވެންޓުގައި ބައިވެރިވެވޭނީ ފީއެއް ދައްކައިގެން ކަމަށެވެ.

"މިއީ ތިމާގެ ގާބިލްކަން ދެނެގަނެ، އެ ގާބިލްކަމުގެ ބޭނުންކޮށްގެން މި އަހަރާއި ކުރިއަށް އަހަރުތަކަށް ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވާނެ ގޮތްތައް ދަސްކުރަން ލިބޭނެ ރަނުގެ ފުރުސަތެއް،" އޭނާ ވިދާޅުވި އެވެ.

"އަހަރެމެން ވިސްނާ ގޮތާއި ދަސްކުރާ ގޮތާއި ހާސިލްކުރާ ގޮތް، އެހެން ހަރުފަތަކަށް ގެންދެވޭނެ އުކުޅުތައް، އަފީފްގެ އިލްމާއި ތަޖުރިބާ އިން ކިޔައިދެއްވާނެ."

މި އިވެންޓަކީ ކޯޕަރޭޓް ދާއިރާގެ މީހުންނާއި ސިވިލް ސާވަންޓުންނާއި ޔުނިވާސިޓީ ދަރިވަރުންގެ އިތުރުން ކުރިއަށްދާނެ ވަކި ދާއިރާއެއް އަދި ހިޔާކޮށްފައި ނުވާ މީހުންނަށް ވެސް ނުހަނު ބޭނުންތެރި އިވެންޓަކަށް ވާނެ ކަމަށް ރެޒޫމޯ އިން ބުނެ އެވެ. މީގެ އިތުރުން ކުންފުނިތަކާއި އޮފީސްތަކަށް، އެތަނުގެ މުވައްޒަފުން ބައިވެރިކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

އަފީފްގެ ތައާރަފު:

އޭޝިއާ އާއި މެދުއިރުމަތި އަދި އެފްރިކާ ބައްރުގައި އެތައް ރިޒޯޓްތަކާއި ހޮޓާތަކެއް އޮޕަރޭޓްކުރާ ލަކްސްގެ މި ސަރަހައްދުގެ ޓްރެއިނިން، ޑިވެލޮޕްމަންޓް އަދި ކުއަލިޓީ އެޝުއަރެންސްގެ ޑިރެކްޓަރުގެ ޒިންމާ އަދާކުރައްވާ އަފީފަކީ ރާއްޖޭގެ ހިއުމަންސް ރިސޯސަސް ދާއިރާގެ މީހުންގެ ޖަމިއްޔާ ކަމަށްވާ މާޕްގެ ރައީސް ވެސް މެ އެވެ.

އަފީފް ވަނީ ބައިނަލްއަގްވާމީ ކޮންފަރެންސްތަކާއި އިވެންޓްތަކުގައި ކީނޯޓް ތަގުރީރު ދެއްވައި ސެޝަންތައް ނަގައިދެއްވައިފަ އެވެ. އެޗްއާރް ސްޓްރެޓެޖީ އާއި ކަސްޓަމާ އެކްސްޕީރިއަންސް އާއި ލާނިން އެންޑް ޑިވެލޮޕްމަންޓް ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަފީފް އަކީ ރާއްޖޭގެ އެންމެ ކުޅަދާނަ އެއް ޕަބްލިކް ސްޕީކަރު ވެސް މެ އެވެ. އޭނާ އަކީ ލީޑާޝިޕާއި ޕާސަނަލް ޑިވެލޮޕްމަންޓުގެ ދާއިރާގެ އެގްޒެކެޓިވް ކޯޗެއް ވެސް މެ އެވެ.

އިވެންޓް ރަޖިސްޓްރޭޝަން ލިންކް: https://rb.gy/35ggo6

އިތުރު މައުލޫމާތު: 7912444 މުހައްމަދު ހަމްދޫން

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top