ނިމުނު ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުން ފުރަތަމަ ދޫކުރާ 4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅާފައިވަނީ އިންސާފުވެރިކޮށް ނޫން ކަމަށް ވިދާޅުވެ، މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ހިތްހަމަނުޖެހުން ފާޅު ކުރައްވައިފިއެވެ.
ހުސެން މިހެން ވިދާޅުވީ، ކުރީގެ ސަރުކާރުން ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން މަޖިލީހަށް މިއަދު ހުށަހެޅުނު ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ހުސައިން ވިދާޅުވީ ފްލެޓް ޕޮއިންޓް ދިން ގޮތުގެ ސަބަބުން ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުން ލިބިފައިވާ ކަމަށާއި، ފްލެޓް ލިސްޓަށް ޕޮއިންޓް ދިނުމުގައި ގެންގުޅުނު އުސޫލު ގަބޫލުނުކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އެއީ ދޯހަޅި އުސޫލެއް ކަމަށާއި، އެ ކަންކޮށްފައި ވަނީ ހަމަ ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓް މަތިކޮށްގެންކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ހަމަ ކަނޑައެޅިގެން ސައްހަ ނޫން މައުލޫމާތު ލައިގެން ޕޮއިންޓް މަތިކޮށްގެން ޕޮއިންޓް ލިބުނު ފަރާތްތަކަކަށް ފްލެޓް ދެވޭނެ ކަމަށް ބުނި ފުރަތަމަ 4،000 ޔުނިޓް ތެރޭގައި ފްލެޓު ދެވޭނެ ކަމަށް ބުނެފައި އޮތް އޮތުމާއި އެ ގޮތަށް ނިންމި ނިންމުން އަޅުގަނޑު ބަލައެއް ނުގަންނަން،" ހުސައިން ވިދާޅުވި އެވެ.
"އަޅުގަނޑު ނިސްބަތްވާ ޕާޓީއެއްގެ ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު އަދި މިނިސްޓަރަކު ކުރެއްވި ކަމެއްކަމުގައި ވީނަމަވެސް ރަނގަޅަށް ބަލާފައި ކޮށްފައި އޮތް ކަމެއް ނޫން." ހުސައިން ވިދާޅުވި އެވެ.






