Close

މަސްވެރިންގެ ދުވަހު ރައީސް ދެއްވީ މަސްވެރިންނަށް އުންމީދާއި ހިތްވަރު

ވެރިކަމުގައި ފުރަތަމަ ބައްދަލުވި މަސްވެރިންގެ ދުވަހު، މާޔޫސް ވެފައިވާ މަސްވެރިންނަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ދެއްވީ ހިތްވަރާއި، އުންމީދާއި ޔަޤީން ކަމެވެ.

ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި އެމަނިކުފާނު ވަނީ މަސްވެރިންނަށް ގިނަ އުންމީދުތަކެއް، ހެޔޮ ޚަބަރުތަކެއް ދެއްވާފައެވެ. މަސްވެރިންނަށް ވެވަޑައިގަތް ވައުދުތައް ހަނދުމަ ނުނެތޭކަމަށް ވިދާޅުވެ ރައީސް މަސްވެރިންނަށް ދެއްވި އުންމީދީ ބައެއް ޚަބަރުތަކަށް ބަލާއިރު، ސްވެރިންގެ އަގުވަޒަންކުރުމުގެ ޚާއްޞަ މަސައްކަތްތަކެއް ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށާއި، އެކަމަށްޓަކައި އެންމެ އިސްކަމެއްގެ ގޮތުގައި ސަރުކާރުން ނިންމާފައި ވަނީ ދިވެހި ދައުލަތަކީ، ދިވެހި މަސްވެރިންނަކީ ކޮބައިކަން ދަންނަ، ދައުލަތަކަށް ހެދުން ކަމަށް ވިދާޅުވިއެވެ. މިކަމަށްޓަކައި ދިވެހި މަސްވެރިންގެ ޤައުމީ ދަފުތަރެއް އެކުލަވައިލަން ވަޒީރުންގެ މަޖިލީހުގެ އިއްތިފާޤުން ވަނީ ފާސްކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ދަފުތަރުގެ ބޭނުމަކީ، ދިވެހި މަސްވެރިންނަށް ދިމާވާ މާލީ އިޤްތިޞާދީ އެކިއެކި ދަތިތައް ހައްލުކުރެވޭނެ މަގުތައް ފަހިކޮށްދިނުން ކަމަށެވެ. މިގޮތުން، ދިވެހި މަސްވެރިން ބޭންކުގެ ނިޒާމުގެ ތެރެއަށް ވަދެވޭނެގޮތް ފަހިވެގެންދާނެ ކަމަށް ވިދާޅުވެފަ ވެއެވެ.

ހަމައެހެންމެ ފެލިވަރުގައި 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ އިތުރު ކާރުޚާނާއެއް އަޅަން ނިންމަވާފައިވާކަމަށް ރައީސް ދެއްވި އުފާވެރި ޚަބަރަކީ ވެސް މަސްވެރިންނަށް ވަރަށް މުހިންމު ޚަބަރެކެވެ.

މީގެ އިތުރުން އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ މަސްވެރި އުޅަނދު ފަހަރަށް މާލީ ދޭން ސަރުކާރުން ނިންމެވި ޚަބަރާއި، ރާއްޖޭގައި ފިޝަރީޒް ކޮލެޖެއް ގާއިމުކުރަން ނިންމަވާފައިވާކަމަށް ދެއްވި ޚަބަރަކީ ވެސް މަސްވެރިންނަށް ކުދި ކަންތައްތަކެއް ނޫނެވެ.

ރާއްޖޭގެ މަސްވެރިންކަން މާކެޓްކޮށް ޕްރޮމޯޓް ކުރުމަށް ޚާއްޞަ، އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ދެއްވި ޚަބަރު ފަދަ އެތައް ޚަބަރުތަކެއް ރައީސްގެ ވާހަކަފުޅުގައި ވަނީ ދެއްވާފައެވެ.

އެ ހަފުލާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓް ހޯދުމުގެ މަސައްކަތް ވެސް ކުރިޔަށް ދާކަން ފާހަގަކުރައްވައި ވިދާޅުވީ، އެއީ މިހާތަނަށް އެހާ ބޮޑު އިސްކަމެއް ދެވިގެން މަސައްކަތް ކުރެވިފައިވާ ދާއިރާއެއް ނޫންކަމަށެވެ. ނަމަވެސް ދިވެހީން މަސް ގަންނާނެ އާ ބާޒާރުތައް ހޯދަންޖެހިފައިވާކަމަށް ވިދާޅުވިއެވެ.

''އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ. އެކަމަށްޓަކައި ހަފުތާ ސާދަ ޕްރޮގުރާމްގައި ހިމަނައިގެން ރާއްޖޭގެ މަސްވެރިންކަން މާކެޓްކޮށް ޕްރޮމޯޓް ކުރުމަށް ޚާއްޞަ، އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ. މި އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކުރެވި، އެ ބްރޭންޑް ބޭރު ޤައުމުތަކުގައި އިޝްތިހާރުކޮށް، މާކެޓްކުރުމުގެ މަސައްކަތް ކުރެވިގެންދާނެ.'' ރައީސް ވިދާޅުވެފަވެއެވެ.

ރައީސް ވިދާޅުވިގޮތުގައި އެކަން ވެގެން ދާނީ، ރާއްޖޭގެ މަހަށް އިތުރު ޕްރިމިއަމް އަގެއް ހޯދުމަށް ހުޅުވިގެންދާނެ ރަނުގެ ފުރުޞަތަކަށެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top