ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ގްރޫޕް ސީ.އީ.އޯ. ޝައިޚް މުޙައްމަދު ބިން ޢަބްދުﷲ އަލް ތާނީ އަދި އުރީދޫ ގްރޫޕްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޓެލެކޮމިއުނިކޭޝަންގެ ދާއިރާއިން އުރީދޫއިން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފުރިހަމަ ޚިދުމަތް ފާހަގަކުރައްވައި އުރީދޫގެ ރާއްޖޭގެ ގޮފީގެ ޓީމު ހިމެނޭހެން އުރީދޫ ގްރޫޕުގެ ލީޑަރޝިޕަށް ޝުކުރު އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާއި އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީ.އީ.އޯ ވަނީ ރާއްޖެއާ އުރީދޫ ގްރޫޕުން އިސްކަންދޭ އަދި ގުޅިގެންގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ގުޅޭގޮތުންނާއި ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ވަނީ ރާއްޖޭގެ ރައްޔިތުންނަށް ލިބިދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް ފޯރުކޮށްދިނުމުގެ ގޮތުން ރާއްޖޭގައި ޑިޖިޓަލް ޚިދުމަތްތައް ކުރިއެރުވުމަށް ދެފަރާތުން ގުޅިގެން މަސައްކަތްކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.






