Close

ރާއްޖޭގެ އިސްލާމީ މާލީ އިދާރާތަކުގެ މަޝްވަރާ ފޯރަމެއް މާދަމާ!

އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީސަޢީދު.

ރާއްޖޭގެ އިސްލާމީ މާލީ އިދާރާތަކުގެ މެދުގައި ބާއްވާ މަޝްވަރާ ފޯރަމެއް މާދަމާ އޮންނާނެ ކަމަށް އިސްލާމީ ކަންކަންމާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ ޝަހީމް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއް ގައެވެ.

ޑރ ޝަހީމް ވިދާޅުވެފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ އިސްލާމީ ވައުދުތަކުގެ ތެރެއިން ވަޤުފު، ޙައްޖުފަންޑު، ޒަކާތު ފަންޑު ކުރިއެރުވުމަށް، ރާއްޖޭގެ އިސްލާމީ މާލީ އިދާރާތަކުގެ ޚިޔާލު ހޯދުމުގެ ފޯރަމެއް ބުރާސްފަތި ދުވަހު އޮންނާނެ ކަމަށެވެ.

އަދި މި ފޯރަމްގައި އެތަންތަނުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެ ކަަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ހުރި ވަޤުފު އިތުރުކޮށް، ލިބޭ އާމްދަނީއިން ދީނީ ކަންކަމަށް ކުރެވޭ ހޭދަ އިތުރުކުރުމާއި، ނިކަމެތި ޢާއިލާތަކަށް އެހީވުމާއި، ތަޢުލީމީ އަދި ޞިއްޙީ ކަންކަމަށް އެފައިސާއިން ހޭދަކުރުމަކީ ރައީށް ޑރ މުޙައްމަދު މުޢިއްޒުގެ ދިވެހިންގެ ރާއްޖެ މެނިފެސްޓޯގެ އިސްލާމީ ނޫރާއި އަޤީދާގެ ދަށުން ހިމަނުއްވައިފައިވާ ކަމެކެވެ.

އަދި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ލުއި އަގެއްގައި ޙައްޖަށް ދިއުމުގެ މަގު ފަހިކުރުމަކީ ވެސް އެމެނިފެސްޓޯގައި ބަޔާން ކޮށްފައިވާ ކަމަކެވެ.

މީގެ އިތުުރުން "މޯލްޑިވްސް ޒަކާތު ހައުސް" އުފައްދައި، ޒަކާތު ފަންޑު ތަރައްޤީކޮށް، ޒަކާތުން ބައެއް ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ޒަކާތު ފަންޑު އިތުރުކޮށް އޭގެ ނަފާ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެ ގޮތް ހެދުންވެސް ރައީސް ޑރ މުޢިއްޒުގެ މެނިފެސްޓޯގެ ތެރޭގައި ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top