ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
އެމަނިކުފާނު ރާއްޖެ ވަޑައިގަތީ ޗައިނާ އަދި ސްވިޒަރލެންޑްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެވެ.
ނައިބު ރައީސްގެ މި ދަތުރުފުޅަކީ، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ، "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު "ހިއުމަން ރައިޓްސް 75" ފާހަގަކުރުމަށްޓަކައި ބޭއްވި މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ސްވިޒަރލެންޑްގެ ޖެނީވާއަށް ވަޑައިގެންނެވުމުގެ ކުރިން ޗައިނާއަށް ވަޑައިގެން، ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޖެންސީ (ސީ.އައި.ޑީ.ސީ.އޭ.) އިން އިންތިޒާމުކޮށްގެން ބޭއްވި "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.






