ޕީޕީއެމް ވިލުފުށި ދާއިރާގެ ރައީސް، ހައުސިން މިނިސްޓްރީގެ ކުރީގެ ކޯޑިނޭޓަރު ހަސަން ފައުޒީ އާއި ވިލިފުށި ސްޓިއަރިން ސްޓިއަރިން ކޮމެޓީގެ ރައީސް އަޙުމަދު ސާދީ ލިބިގެންވާ ބާރުގެ ބޭނުން ނާޖައިޒްގޮތުގައި ހިފައި، ޕާޓީގެ އާއްމު މެމްބަރުންގެ މަސްލަޙަތު ގެއްލޭ ގޮތަށް ސިއްރިޔާތުގައި ޢަމަލުކުރަމުންދާކަމަށް ބުނެ ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
މި ޕެޓިޝަންގައި 200 ޕީޕީއެމް މެންބަރުން ވަނީ ސޮއިކޮށްފައެވެ.
އެ ޕެޓިޝަންގައި ބުނެފައިވަނީ 2018 ވަނަ އަހަރު ޕީޕީއެމަށް ވެރިކަން ގެއްލުމުން އަނބުރާ ވެރިކަން ހޯދުމަށް އެ މެންބަރުން ގަދައަޅައި މަސައްކަތްކުރީ އެރަށަކީ އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ ރަށަކަށްވާތީ އެމްޑީޕީއަށްވުރެ ކުރި ހޯދުމުގެ މަގްސަދުގައި ކަމަށެވެ. އެކަން ކުރީ އެރަށުގައި ޕާޓީގެ އިސް ސަފުގައި މަސައްކަތްކުރާ މީހުންނަށް ރަނގަޅުގޮތްތަކެއް ވާނެކަމުގެ އުންމީދުގައި ކަމަށާއި، އެ މަސައްކަތްކޮށް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށްވުރެ ކުރި ހޯދިކަން ޕެޓިޝަންގައި ފާހަގަކޮށްފަވެއެވެ.
ނަމަވެސް ރިޔާސީ އިންތިހާބު ނިމުމާއެކު ވަޒީފާ ބޭނުންވާ ފަރާތްތަކަށް ވަޒީފާ ހޯދައި ދިނުމުގެ ނަމުގައި ސްޓިއަރިން ކޮމެޓީގެ އެއްވެސް މަޝްވަރާއެއް ކުރުމަކާއި ނުލައި، ދާއިރާގެ ރައީސް ހަސަން ފައުޒީ އާއި ސްޓިއަރިން ކޮމެޓީގެ ރައީސް އަޙުމަދު ސާދީ ސިއްރިޔާރުގައި މަޝްވަރާކޮށް ފެނަކަ ވިލުކުފުށީ ބްރާންޗްގެ މެނޭޖަރުކަމުގެ މަޤާމަށް ދާއިރާގެ ނަިއބު ރައީސް އިބްރާޙިމް ޝާނީޒް ޝައުޤުވެރިކަން ފާޅުކޮށްފައި ވަނިކޮށް ސްޓިއަރިންގ ކޮމެޓީގެ ރައީސް އަމިއްއަށް ފެނަކައިގައި ތިބި ބައެއް މުވައްޒަފުންނަށް ގުޅައި އެ މަޤާމު ހަވާލުކުރުމަށް ތަކުރާރުކޮށް އާދޭސްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ވެރިކަން ލިބުމަށްފަހު މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ދާއިރާގެ ރައީސް އާއި ސްޓިއަރިން ކޮމެޓީގެ ރައީސް އެއްވެސް ކަމަކާއި، ކެމްޕެއިންގެ ހަރަކާތްތަކުގައި އިސްކޮށް އުޅުނު އެއްވެސް ފަރާތަކާ މަޝްވަރާކުރުމެއް ނެތި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ކަންކަން ނިންމަމުންދާތީ މިކަމާއި އާއްމު މެމްބަރުން ހިތާމަކުރާކަމަށް އެ ޕެޓިޝަންގައި ބުނެފަވެއެވެ. އަދި އެންމެ މަސްލަހަތު ހުރިގޮތަކަށް އެކަން ނިންމައިދޭން ވެސް ޕެޓިޝަންގައި އެދިފަވެއެވެ.
އެ ޕެޓިޝަންގައި ވަނީ ރިޔާސީ އިންތިޚާބަށްފަހު ފައުޒީ އާއި ސާދީ ކަންތައްކުރިގޮތުން އެ މެންބަރުން ދެން އެ ދެމީހުންނާއެކު އެއްވެސް ސިޔާސީ މަސައްކަތެއް ނުކުރާނެކަމަށް ވެސް ބުނެފައެވެ.
ވިލުފުށީ ދާއިރާގައި ހިމެނޭ އެހެން ރަށްރަށުންވެސް ދާއިރާގެ ރައީސްގެ އިތުބާރު ނެތް ކަމަށް ބުނެ ޕެޓިޝަންގައި ސޮއި ކުރުމުގެ މަަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.






