ރާއްޖޭގެ ދީނީ ވަހުދަތު ދަމަހައްޓައި، އިސްލާމީ ޝިއާރު ދިރުވައި އާލާކުރުމަށް އިސްލާމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަދު ފެށި އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމް(އައިއެސްއީއެފް) ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
އިސްލާމީ މަރުކަޒުގެ ހޯލުގައި ކުރިއަށް ދިޔަ ފޯރަމްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ގެ އިތުރުން އެކިއެކި އިންސްޓިޓިއުޓްތަކުގެ ސީނާ ގިނަ އޮފިޝަލުންތަކެއް ބައިވެރިވެއެވެ.
އައިއެސްއީއެފް ހުޅުވުމަށް މިނިސްޓަރު ޑރ. ޝަހީމް ދެއްކެވި ވާހަކަފުޅުގައި ވަޤުފުގެ މަޝްރޫޢުގެ މުހިންމުކަން ފާހަގަކުރައްވައި، މާލޭ ސިޓީގައި ހުރި ވަގުފު ޕްރޮޕަޓީ "ދާރުލް އިމާން" އިން މިއަހަރު 6-7 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދައިފައިވާތީ އެއީ ލިބުނު ކާމިޔާބީއެއް ކަމަށް ފާހަގަ ކުރެއްވިއެވެ.
އިސްލާމީ އިޤްތިޞާދީ ތަރައްޤީއަށް ބާރުއަޅުއްވަމުން މިނިސްޓަރު ވަނީ ޚާއްޞަކޮށް ޒަކާތާއި ވަޤުފާއި ޙައްޖު ކޯޕަރޭޝަންއާއި ބެހޭގޮތުން ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯ ގައި ހިމަނާފައި ހުރި ކަންތައްތަކަށް އަލިއަޅުވާލައްވާފައެވެ.
އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމްގެ ޝަރަފުވެރި މެހެމާނަކީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ މުފައްދާލް އިދްރީސް ޚުމްރީ އެވެ. އޭނާ ވަނީ މި ފޯރަމްގައި އިސްލާމިކް ނިޒާމާއި އެ ނިޒާމު އުފެދުމުގެ ތަޢާރަފެއް ދެއްވާ، ވަޤުފާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. އޭގެތެރޭގައި، އޭގެ މުހިންމުކަމާއި، ފަންނާއި، ސަޤާފަތާއި، ޙަޟާރަތުގެ ތަރައްޤީއާ ގުޅުންހުރި މުހިންމު ކަންތައްތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމުގެ އިތުރުން، ވަޤުފުގެ އަސްލު އުސްމާނީ ދައުލަތާ ހަމައަށް ހޯއްދަވައި، އިޖުތިމާޢީ ރައްކާތެރިކަމުގެ ގޮތެއްގެ ގޮތުގައި ވަޤުފުގެ ތާރީޚީ ދައރުރާއި ބެހޭގޮތުންވެސް އެބޭފުޅާ އަލިއަޅުއްވާ ލެއްވިއެވެ.
މިފޯރަމް ގައި ޒަކާތު ފަންޑާއި، ހައްޖު ފަންޑާއި، އައުޤާފް ފަދަ ފަންޑުތައް ބޭނުންކުރުމާއި ތަރައްޤީވުންފަދަ މައުލޫތަކަށް މަޝްވަރާ ކުރިއެވެ.
އައިއެސްއީއެފްގެ މަގުސަދަކީ މި ފަންޑުތަކުގެ ސްޓްރެޓެޖިކް އެޕްލިކޭޝަނާއި، އަހަރުތަކުގެ ތެރޭގައި އެ ފަންޑުތަކުގެ ޓްރާންސްފޯމަޓިވް ދަތުރު ދިރާސާ ކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.






