Close

ފަތުރުވެރިކަން ފުޅާކުރުމަށް ސީދާ ދަތުރުތައް ފެށުމަށްޓަކައި 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރަނީ!

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ ބައްދަލުވުން. ފޮޓޯ: ރައީސް އޮފީސް

ފަތުރުވެރިން ގެންދެވޭނެ ރާއްޖޭގެ މަންޒިލް ތަކަށް ”މޯލްޑިވިއަން” އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި “ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން” ތަޢާރަފް ކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސް ޑރ މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކަކީ އަދިވެސް ސީދާ ރާއްޖެއަށް ދަތުރުތައް ކުރެވޭ ގޮތައް އޮންނަ ޤައުމުތަކެއް ނޫނެވެ.

އެގޮތުން، 48 އިންސައްތަ ފަސިންޖަރުންނަކީ 'ކަނެކްޓިންގ' ފްލައިޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންނެވެ. އަދި ޔޫރަޕްގެ ގިނަ ފަތުރުވެރިންނަކީ މެދު އިރުމަތިން ފްލައިޓް ކަނެކްޓް ކުރުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންކަން ފާހަގަ ކުރެވެއެވެ.

މި މަޝްރޫޢުގެ މަސައްކަތް ފެށުމުން ޗައިނާ، ޔޫރަޕް، އަދި ސައުތު އެފްރިކާގެ ބައެއް ސަރަޙައްދުތަކަށް 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށިގެންދާނެއެވެ.

މި މަޝްރޫޢުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނެ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ވަނީ ހަމަޖެއްސަވާފައެވެ. އަދި، މި މަޝްރޫޢު ފެށުމާއެކު މަދުވެގެން ހަފުތާއަކު 2 ނުވަތަ 3 ދަތުރު ސީދާ އެ ސަރަޙައްދަކާއި ރާއްޖެއާ ދެމެދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ޤައުމީ އެއަރލައިނަށް 'ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން' ތަޢާރަފްކުރުމުގެ މަސައްކަތަކީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައިވެސް ހިމަނުއްވާފައިވާ މުހިންމު ކަމެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top