މިސަރުކާރުން މަރުގެ ޙުކުމް ތަންފީޒު ކުރާނެ ކަމަށް ދާޚލީ ސަލާމާތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އިޙްސާން މިހެން ވިދާޅުވީ މިއަދު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއާއި އެވުޒާރާގެ ދަށުން ހިންގާ ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިންނާއި އެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ފުުޅު ދައްކަވަމުންނެވެ.
މަރުގެ ޙުކުމް ތަންފީޒު ކުރުމާއި މެދު މިސަރުކާރުގެ ސްޓޭންޑަކީ ކޮބައިތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އިޙްސާން ވިދާޅުވީ މިސަރުކާރުން ވަނީ މަރުގެ އަދަބު ތަންފީޒު ކުރުމަށް ނިންމައިފައި ކަމަށެވެ.
“އަޅުގަނޑުމެން އެކަންކަމާއި ގުޅިގެން ކުރަން ޖެހޭ ކަންކަން އަދި ބަލަން ޖެހޭ ކަންކަން ބަލާފަ ދިވެހި ރާއްޖޭގެ ޤާނޫނާއިު ޤަވާއިދިގެ އިމުގެތެރޭގައި އެކަން އަޅުގަނޑުމެން ކުރާނީ” ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރެއިން މަރުގެ އަަދަބު ދޭން ޖެހޭ މީހުންނަށް އެ ޙުކުމް އިއްވައިފައި ވީ ނަމަވެސް އެޙުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ.
މިހާރުވެސް ރާއްޖޭގައި މަރުގެ ޙުކުމް އިއްވައިފައި ތިބި 4 މީހަކު ތިބި އިރު، ޙުކުމް ތަންފީޒު ނުކޮށް އެމީހުން ތިބީ ޖަލު ބަންދުގައެވެ.






