Close

މަސްވެރިކަމާއި ކަނޑުތަކާއި ބެހޭ ވަޒީރު ޝިޔާމް ގއ.އަށް ވަޑައިގެންފި!

ފިޝަރީޒް މިނިސްޓަރ މަސްވެރިންނާއި ބައްދަލުކުރައްވަނީ. ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

މަސްވެރިކަމާއި ކަނޑުތަކާއި ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް ގއ.އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފިއެވެ.

އެގޮތުން އެމަނިކުފާނު ވަނީ ގއ. ވިލިގިއްޔަށް ޒިޔާރަތްކުރައްވައި، ވިލިނގިލީގެ ކައުންސިލް މެންބަރުންނާއި ރަށުގެ މަސްވެރިންނާ ބައްދަލުކުރައްވައިފައެވެ.

އެވުޒާރާއިން ބުނެފައިވަނީ ގއ އަތޮޅުގެ ރަށްރަށަށް ޚާއްސަކޮށް މިއަދު ފެށި ދަތުރުގެ މަޤުސަދަކީ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތަކަށް ޙައްލު ހޯއްދަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާފައިވާ ސިޔާސަތުތައް ތަންފީޒު ކުރެއްވުމުގައި މަސްވެރިންގެ ސީދާ ބައިވެރިވުން އިތުރުކޮށް މަސްވެރިންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުން ކަމުގައި ވަޒީރު ފާހަގަކުރެއްވި ކަމަށެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ވިލިނގިލީގެ މަސްވެރިން ވަނީ މަސްވެރިންނަށް ފައިސާލިބުމުގައި ދިމާވާ ދަތިތަކާއި، އައިސް ލިބުމުގެ ދަތިތަކުގެ އިތުރުން ކޫއްޑޫއަށް ދިމާވެފައިވާ މަސްކިރުމުގެ ދަތިތައް ވީހާވެސް އަވަހަކަށް ހައްލު ކޮށްދެއްވުމަށް ދަންނަވާފައި ކަމަށް އެވުޒާރާއިން ބުނެއެވެ.

މީގެ އިތުރުން އޮންލައިންކޮށް މަސްވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ހިއްސާ ކުރައްވާފައިވާ ކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެއެވެ.

ގއ ވިލިގިނލީގެ އިތުރުން ވަޒީރު ޝިޔާމް ވަނީ ގއ.މާމެންދުއަސްވެސް ވަޑައިގެންފައެވެ.

މާމެންދުއަށް ވަޑައިގެން އެރަށުގެ މަސްވެރިންނާއި ރަށު ކައުންސިލާއި ވަނީ ބައްދަލުކުރައްވައިފައެވެ.

އެރަށަށް ވަޑައިގެން މަސްވެރިންނަށް ފައިސާ ދެވޭނެ އިންތިޒާމް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވަވާ މައްސަލައެއްކަމަށް ވަޒީރު ފާހަގަކުރެއްވި ކަަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

މީގެ އިތުރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދެވުމަށް ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވެފައި ވާކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

އަދި މިއަދު 9 ޓަނު މަސް ބާނާ، ކިރުވުމަށްފަހު މަހުންލެފި މާމެންދޫ ޚުޝިޔާރު ދޯނީގެ ފަޅުވެރިންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބިލަށް ފައިސާ ލިބުމުގެ ދަތިކަން ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

ހަމަމިއާއި އެކު ރަށުން އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް މަސްވެރިންނާއި ކައުންސިލް މެމްބަރުންވެސް ހުށަހެޅުއްވި ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

 

 

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top