ގއ.ނިލަންދޫ ފަރަށް ދޯންޏެއް އުރިއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފައިވަނީ ގއ.ނިލަންދޫ އަށް ވަންނަން ދަތުރުކުރަމުން ދިޔަ "ސައުތު ލައިން" ނަމަކަށްކިޔާ ސަޕްލައި ދޯންޏެއް އެ ރަށު ނެރުމައްޗަށް އުރިގެން އެއިދާރާގެ ސަަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަށެވެ.
11 ފަޅުވެރިންނާއެކު ދަތުރުކުރަމުންދިޔަ މި ދޯނި، ނެރުމައްޗަށް އުރުނު ކަމުގެ މަޢުލޫމާތު ރޭ (31 ޑިސެންބަރު) 20:36 ހާއިރު އެމްއެންޑީއެފް ސަަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަން ލިބުނު ކަމަަށާއި މައުލުޫމާތު ލިބުމާއި އެކު ސިފައިންވަނީ އެދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައި ކަމަށް އެމްއެންޑީއެފުން ބުނެއެެވެ.
އެ ބޯޓު ނެރު މައްޗަށް އުރި، ބޯޓުގެ ކުރީކޮޅު ބަނޑުދަށް ފަރާތުން ފަޅައިގެންގޮސް ދިޔަވަމުންދާތީ ޕަންޕު ޖައްސައިގެން ފެން ހިއްކައި އަދި ފަޅައިގެންގޮސްފައި އޮތް ތަން ބެއްދުމުގައި ކޯސްޓްގާޑުގެ ޑައިވަރުންވަނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ބޯޓުގެ ފަޅައިގެންގޮސްފައިވާ ތަން ބައްދައި، ރޭ މެންދަމު 3:19 ހާއިރު އެ ބޯޓު ވަނީ ވެރިފަރާތުން ގެނައި އިތުރު ދޯންޏެއްގެ އެހީގައި ކަފުޖަހައިގެން ގއ.ނިލަންދޫ ބަނދަރަށް ވައްދާފައި ކަމަށްވެސް އެމްޑީއެފުން ބުނެއެވެ
މި ހާދިސާގައި ބޯޓުން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތެއް ލިބިފައެއް ނުވާ ކަމަށާއި އަދި ބޯޓު ނެރުމައްޗަށް އުރުނު އިރު ބޯޓުގައި އެއްވެސް މުދަލެއް ނެތް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.






