ރާއްޖެގެ ތިން ސަރަހައްދެއްގައި ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒް ޤާއިމް ކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެެވެ.
ރައީސް ޑރ މުޢިއްޒު ކެމްޕެއިން ތެރޭގައި ވެ ވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ކ.ކާށިދޫ، ނ.ވެލިދޫ އަދި ލ.އަތޮޅުގައި ރިހިބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ގާއިމު ކުރުމަށާއި، ޤާނޫނާ އެއްގޮތަށް ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ހުއްދަ ދެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމަވައިފިއެވެ.
ރައީސް މުޢިއްޒު މިގޮތަށް ނިންމެވީ މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން، ދިވެހިރާއްޖޭގެ ޤާނޫނާއި، ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށުމަށްވަނީ ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ.






