ވޭތުވެދިޔަ ފަސް އަހަރުދުވަސްތެރޭ ގައި 42،000 އަށް ވުރެ ގިނަ އުޅަނދު މާލެ ސަރަހައްދަށް ރަޖިސްޓަރ ވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީން މިހެން ވިދާޅުވީ މިއަދު ޓްރާންސްޕޯޓް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.
އަމީން ވިދާޅުވީ ދިވެހި ހުރިހާ ރައްޔިތުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ މާލެ ސަރަހައްދުގެ ޓްރެފިކްގެެ މައްސަލަ ކަމަށެވެ. ޓްރެފިކް މަައްސަލައަށް ހައްލެއް ހޯދަން ޖެހޭ ކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ހަމަ މިއާއި އެކު މިމައްސަލަ ހައްލުކުރުމަށް އައު ސަރުކާރުގެ ކަމާއި ބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ކުރަމުންދާ މަސައްކަތަކީ ޓެކްޓިކަލް ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކަމަށް ވެެސް މިނިސްޓަރ އަމީން ވިދާޅުވިއެވެ.
އަދި މިކަމަށް ޝޯޓް ޓާމް ޕްލޭނެއްވެސް ހަދަން ޖެހޭ ކަމަށާއި، އަދި ވަގުތުން ވަގުތައް މިހާރު މާލެ ސަރަހައްދުގައި ރަޖިސްޓްރީ ވަމުންމިދާ ވެހިކަލްތަކުގެ ޢަދަދަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަންޖެހޭ ކަމަށްވެސް މިނިސްޓަރ އަމީން ވިދާޅުވެއްޖެއެވެ.
“ހިސާބުތައް ބަލާލީމަ ސިއްސައިގެން ދާވަރަކަށް ރަޖިސްޓަރީ ވަމުންދަނީ، އެއީ ގްރޭޓަރ މާލޭ އޭރިއާ، މިއޭރިއާ އަކީ ވަރަށް ހައި ޑެންސިޓީ ކޮށް ޓްރެފިކް މައްސަލަ އޮތް ތަނެއް، މި ފާއިތުވި ފަސް އަހަރު މުޅި ދިވެހި ރާއްޖެއަށް 69،780 ދުއްވާ އުޅަނޑު ރަޖިސްޓަރީ ކުރެވިފައި އެބަހުރި، އަޅުގަނޑަށް ހީވަނީ ހަމަ އާދަޔާ ޚިލާފް ބޮޑު ޢަދަދެއްހެން، އޭގެ ތެރެއިން 42،000 ގިނަ ޢަދަދަކީ މާލޭ ސަރަހައްދަށް ރަޖިސްޓްރީ ވެފައިވާ އުޅަނދު” މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރ އަމީން ވިދާޅުވީ މިޢަދަދު މިގިތައް މައްޗަށް އަރައިގެންދާ ކަމަށްވާނަމަ މާލޭ އޭރިއާ ދާނީ ނުހިފެހެއްޓިގެން ކަމަށެވެ.
އަމީން ވިދާޅުވީ ގާނޫނުގެ ތެރެއިން ކަންކަން ކޮށްފިނަމަ އެއީ އުޅަނދުތައް ރަޖިސްޓްރީކުރަން ޖެހޭނެ އަދަދެއް ނޫންކަމުގައެވެ. އަދި ބައެއް ހާލަތްތަކުގައި މިނިސްޓްރީއަށް ލިބިދޭ ބާރުގެދަށުން ރަޖިސްޓްރީކުރުން މަޑު ޖައްސާލައިފިނަމަވެސް ހެޔޮ ބަދަލެއް ފެންނާނެ ކަމުގައެވެ.






