އެމްޑީޕީ އިން އިލެކްޝަންސް ކޮމިޝަނަށް ފޮނުވި ސިޓީ އަކާއި އެކު މަޖިލިސް 2024ގެ އިންތިޚާބުގެ ތާރީޚް އިޢްލާނުކުރުން ފަސްކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ މިއަދު އެކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާނެ ތާރީޚެއް މިއަދު އިޢްލާނު ކުރައްވާނެ ކަމަށް ޙަބީބް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން އީސީގެ ނައިބު ރައީސް އަލްއުސްތާޒް އިސްމާއިލް ޙަބީބް ވިދާޅުވީ ކުރިން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ތާރީޚް މިއަދު އިޢްލާނުކުރާ ގޮތައް ކަމަށެވެ.
“އެހެންނަމަވެސް ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު ސިޔާސީ ޕާޓީ، އިލެކްޝަން ކޮމިޝަނަށް ސިޓީ އެއް މިދިޔަ ބުރާސްފަތި ދުވަހު 13:51 ގަ ވަނީ ފޮނުވާފަ” ޙަބީބް ވިދާޅުވިއެެވެ.
ޙަބީބް އިތުރަށް ވިދާޅިުވީ އެސިޓީ ފޮނުވުމާއި ގުޅިގެން ކޮމިޝަނުގައި ޕްރެސް އަށް އައުމުގެ ކުރިން ކޮމިޝަނުން އެ ކަމާއި މަޝްވަރާ ކޮށްފއަި އައިކަމަށެވެ.
“އަޅުގަނޑުމެން ކޮމިޝަނުން ނިންމީ އެކަމާއި ބެހޭ ގޮތުން ހަމަ އެމްޑީޕީއާއި ވެސް މަޝްވަރާކުރުމަށްފަހުގައި އަޅުގަނޑުމެންގެ ޑިޒިޝަނެއް އިރާދަކުރެއްވިއްޔާ މިހަފްތާގައި އަޅުގަނޑުމެން ހާމަކުރާނަން” ޙަބީބް ވިދާޅުވިއެވެ.
އީސީން ވަނީ ޤާނޫނު ބުނާ މުއްދަތުގައި އިންތިިޚާބު ބާއްވަން ބަލާއިރު ރޯދަ މަހާ ދިމާވާތީ އިންތިޚާބު ބާއްވާ ތާރީޚަށް ބަދަލު ގެނައުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި އެދިފަ އެވެ.
ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ބުނަނީ މަޖިލީހުގެ ހިނގަމުންދާ ދައުރު ނިމެން 120 ދުވަހަށް ވުމާއެކު، 10 ދުވަހުގެ ތެރޭގައި އިންތިޚާބަށް ހުޅުވާލަން ޖެހޭ ކަމަށެވެ.
އިންތިިޚާބަށް ކުރިމަތިލާން 14 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އިންތިޚާބަށް ކުރިމަތިލާ މީހުން އިޢްލާނުކުރާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އިންތިިޚާބު ބާއްވަން ޖެހޭ ކަމަށްވެސް ޤާނޫނުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް މި ގޮތަށް އިންތިޚާބު ބާއްވާނަމަ، އިންތިިޚާބު ބޭއްވޭނީ ީ ރޯދަ މަސް ތެރޭގަ އެވެ. އެއީ، މި އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހެވެ. އެހެންކަމުން ރޯދަ މަހު މި އިންތިޚާބު ބާއްވާނަމަ ކެންޑިޑޭޓުންގެ ކެމްޕޭނުގެ ކަންކަމާއި އަދި އެ ކޮމިޝަންގެ މުވައްޒަފުން މަސައްކަތް ކުރުމަށް ވެސް ބޮޑެތި ދަތިތަކާއި އުނދަގޫތައް ކުރިމަތިވާނެ ކަން އީސީއިން ވަނީ ފާހަގަކޮށްފައެވެ.
މިކަންކަން މިހެން ހުރުމާއިއެކު މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން ނިންމީ ރޯދައިގެ ފަހުން އިންތިޚާބު ބޭއްވުމަށެވެ.






