Close

ރާއްޖެ އާއި ޗައިނާ އާއި ދެމެދު ރަސްމީ ވާހަކަފުޅުތައް ކުރިއަށްގެންގޮސްފި!

ޗައިނާއާއި ރާއްޖެއާއި ދެމެދު ކުރިއަށްގެންަދިޔަ ރަސްމީ ވާހަކފުޅުތައް. ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެ އާއި ޗައިނާ އާއި ދެމެދު ރަސްމީ ވާހަކަފުޅުތައް ކުރިއަށް ގެންގޮސްފިއެވެ.

ރައީސް ޑރ މުޢިއްޒުގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ބާއްވާ ރަސްމީ ވާހަކަފުޅުތައް ކުރިއަށްގެންދިޔަ ބައްދަލުވުން އޮތީ އިއްޔެގެ ވަގުތެއްގައެވެ.

ރައީސް ޑރ މުޢިއްޒާއި ޗައިނާގެ ރައީސް ޝީ އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދެވި ރަސްމީ ވާހަކަފުޅުތައް ބާއްވަވާފައިވަނީ ބެއިޖިންގ ގެ ގްރޭޓް ހޯލް އޮފް ޕީޕަލް ގައެވެ.

ރަސްމީ ވާހަކަފުޅުތަކުގައި ރައީސް ޑރ މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުމުގައި ޗައިނާއިން މުހިންމު ދައުރެއް އަދާކުރާކަން ޝުކުރުވެރި ކަމާއެކު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ވޭތުވެދިޔަ އަހަރުތަކުގައި އެ ޤައުމުގެ ދީލަތި އެހީ އެކި ދާއިރާތަކުން ރާއްޖެއަށް ލިބިފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ބޯހިޔާވަހިކަމާއި، ތަޢުލީމީ ދާއިރާއާއި އުމްރާނީ ތަރައްޤީގައި ލިބިފައިވާ އެހީ ރައީސުލްޖުމްހޫރިއްޔާ ވަކިން ޚާއްޞަކޮށް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން، ރަސްމީ ވާހަކަފުޅުގެ ތެރޭގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ނިމުނު ރިޔާސީ އިންތިޚާބުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ހޯއްދެވި ކާމިޔާބީއަށްޓަކައި މަރުހަބާ ދެންނެވިއެވެ.

އަދި ރައީސްގެ މި ދަތުރުފުޅަކީ ޗައިނާ އާއި ދިވެހިރާއްޖޭގެ ދެމެދުގައި އޮންނަ ސިޔާސީ ގުޅުމުގެ އައު ބާބެއް ފެށިގެންދާނެ ކަމަކަށް ވެގެންދާނެކަމަށް ޔަޤީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ ނޫ އިޤްތިޞާދާއި ފެހި އިޤްތިޞާދުގެ އިތުރުން ޑިޖިޓަލް އިޤްތިޞާދު ހިމެނޭހެން ތަފާތު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުގައި ދެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތްތަނުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރެއްވުމުގެ އުއްމީދު އައުކުރެއްވިއެވެ.މި ބައްދަލުވުމަށްފަހު ތަފާތު އެކި ދާއިރާތަކުން މައިގަނޑު 20 އެއްބަސްވުމެއްގައި ދެ ޤައުމުން ވަނީ ސޮއިކޮށްފައެވެ.

 

ގުޅުންހުރި ލިޔުންތައް

ހިޔާލު ފާޅު ކުރައްވާ!

ކޮމެންޓް

Your email address will not be published. Required fields are marked *

scroll to top