ގއ ވިލިގިނލީ ހޮސްޕިޓަލުން، ޙާލު ދެރަވެ އިތުރު ފަރުވާއަށް މާލެ ގެންނަން ޖެހި ނުގެނެވި އޮއްވައި ނިޔާވި އުމުރުން 13 އަހަރުގެ ކުޑަ ކުއްޖެއްކަމުގައިވާ، ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުޙައްމަދު ޖާހު ޚާލިދު، ގެ މަރުގެ މައްސަލަގައި ކަންވީގޮތުގެ ތަފްސީލް ހޯއްދެވުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށް ރައީސް އޮފީހުން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފިއެވެ.
ރައީސް އޮފީހުގެ ނޫސްބަޔާނުގައި ބުނެފައިވަނީ ޖާހުގެ މަރުގެ ޚަބަރު ރައީސް ޑރ މުޢިއްޒު އެއްސެވީ ފުން ހިތާމައާއި އެކުގައި ކަމަށެވެ.
ރައީސް އޮފީހުން ބުނެފައިވަނީ މަރްޙޫމް ޖާޙުގެ ޞިއްޙީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، މިފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް، ރައީސް ވަނީ ކަމާއި ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފައި ކަމަށްެވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
މީގެއިތުރުން ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ޞިއްޙީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސް މުޢިއްޒު މިހާރު އެދިވަޑައިގެންފައިވާ ކަމަށްެވެސް ރައީސް އޮފީހުން ބުނެއެވެ.






