ރޭ ދަންވަރު ފުވައްމުލަކުގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދާކަމަށް އެހޮސްޕިޓަލުން ބުނެފިއެވެ.
މި އެކްސިޑެންޓް ހިނގައިފައިވަނީ ބާރަށް ދުއްވި ސައިކަލެއް ފާރެއްގައި ޖެހިގެނެވެ.
ފުވައްމުލަކު ސިޓީގެ ބޮޑުފަންނު މަގުން ދުއްވާފައި ދިޔަ ސައިކަލެއް ފާރެއްގައި ޖެހި އެކްސިޑެންޓުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 22:15 ހާއިރު ކަމަށް ފުލުހުން ވަނީ މީޑިއާތަކަށް ބުނެފައެވެެ.
އެ އެކްސިޑެންޓުގައި އަނިޔާވީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން ބުނީ އެކްސިޑެންޓުވި މީހާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާކަމަށެވެ. ލިބިފައިވާ އަނިޔާގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓުގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.






